ވ. ތިނަދޫގައި ހިންގާ ގެސްޓްހައުސްއެއްގައި އެއް ޖިންސުން ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބޭއްވި މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި، އެ ރަށު ކައުންސިލުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ރަސްމީކޮށް ހުށަހަޅައިފި އެވެ.

ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ 'އިކޯބޫ މޯލްޑިވްސް' ގެސްޓްހައުސްގައި މިދިޔަ ހޯމަ ދުވަހު އެއް ޖިންސުން ދެ އަންހެނުން ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބާއްވާފައިވާތީ އެ ކައުންސިލުން އެކަމާ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މި މައްސަލައިގައި ކައުންސިލްގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި، އެއް ޖިންސުން ކައިވެނި ކުރުމާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ހަރަކާތްތައް ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ހިންގުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުގައި ވެސް ހުއްދަކުރާ ކަންކަމެއް ނޫނެވެ. އަދި މިފަދަ އަމަލެއް ތިނަދޫގައި ހިންގުމަކީ އެ ރަށާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދި، ރަށުގެ އާންމު ރައްޔިތުންނަށާއި ރަށުގައި ހިންގާ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.

އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު އެއްވެސް ހަރަކާތެއް ހިންގުމަކީ ކައުންސިލުން އެއްވެސް ގޮތަކަށް ތާއީދުކުރާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ތަކުރާރުކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދާދި ފަހުން ރާއްޖޭގެ ރިސޯޓެއްގައި ވެސް އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، އެ މައްސަލަ ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދީނީ އަދި ޝަރުއީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކޮށްފަ އެވެ.