ފާރުގައި ހަރުކޮށްލާ ކުރެހުމަކުން މުޅި ތަނަށް ރީތިކަން ގެނުވަދެ އެވެ. އެ ތަސްވީރަށް ބަލާލުމުން ވިސްނުމުގެ މިސްރާބު އަނބުރާލަ އެވެ. ހަގީގަތުގައި ވެސް ކުރެހުމަކުން ސިކުނޑިއަށް ބަދަލުތަކެއް ގެނުވަދޭކަން ދިރާސާތަކުން ވެސް ހާމަވެފައި ވެ އެވެ. މި ހުނަރުވެރި ކުރެހުންތެރިޔާ ދެކޭ ގޮތުގައި އާޓް ނުވަތަ ކުރެހުމަކީ ހަމައެކަނި ޒީނަތްތެރިކުރަން ގެންގުޅޭ އެއްޗެކަށް ވުރެ ކުރަހާ މީހާގެ އިހުސާސްތައް ބުނެދޭ ވަސީލަތެކެވެ.
އޭނާ ކުރަހަން ފެށީ ކޮން އުމުރެއްގައި ކަމެއް ޚުދު މަރިޔަމް ޝަހުމާ (ޝަހުމާ)އަށް ޔަގީންކޮށް ބުނެދޭކަށް ނޭނގެ އެވެ. އޭނާ ހަނދާން ވާން ފެށީއްސުރެ ވެސް ފޫހިފިލުވުމަށް ހޮބީއެއްގެ ގޮތުގައި އޭނާ ކުރަހާ ކުލަ ޖައްސަ އެވެ. ކުރެހި ވަރަކަށް އެކަމަށް ހިތްޖެހި މާފަސޭހަ ކަމަކަށްވި އެވެ. އަދި ކުރެހުމުގެ އާ ވައްތަރުތައް ދަސްކުރާ ހިތްވި އެވެ.
އަހުމަދިއްޔާ ސްކޫލުން އޯލެވެލް ފުރިހަމަ ކުރުމަށް ފަހު، ޒަވާޖީ ހަޔާތެއް ފަށައި ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމުގެ ކުރިން އޭނާ ވަނީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމްގައި ޓުއަރިޒަމް މެނޭޖްމަންޓް ފުރިހަމަ ކޮށްފަ އެވެ. އަދި ޓޫރިޒަމް ދާއިރާގައި އެކި ވަޒީފާތައް ވެސް އަދާކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ކުރުނބާ މޯލްޑިވްސް ޕާ އެކުއަމް ސްޕާގެ ރިސެޕްޝަނިންސްޓް ކަމާއި، މާލޭގަ ވަތަނިއްޔާ މޯލްޑިވްސް ކޯލް ސެންޓާ އަދި ސޭލްސްގަ އަދި ޓެކްޓަން ޑިޒައިން އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ އެޑްމިން ވަޒީފާ އަދި ޝެރެޓަން މޯލްޑިވްސްގައި ސޭލްސް އެންޑް މާކެޓިންގައި ވަޒީފާ އަދާކޮށް މަސައްކަތުގެ މައިދާނުގައި ގިނަ ތަޖުރިބާތަކެއް ލިބިފަ އެވެ.
"އަބަދުވެސް ކުރަހާ ހެދި ނަމަވެސް އަޅުގަނޑުގެ އެއްވެސް ޕެއިންޓިންއެއް ސޯޝަލް މީޑިއާއަކަށް ނުލަން. މީހުންނަށް ފެންނަ ގޮތަށް އަޅުގަނޑުގެ ކުރެހުންތައް އާންމު ކުރަން ފެށީ މީގެ 3 ނުވަތަ 4 އަހަރު ކުރިން 'ތަމާޓް' ކިޔާ އިންސްޓާގަރާމް ޕޭޖެއްގައި. އެއީ މަންމަ ފަހާ ދަބަހުގެ ބޭރުގައި ކުރަހާ ކުރެހުންތަކާއި، މަންމަ ފަރާތު ބޮޑުދައިތައެއްގެ ރެޒިން މަސައްކަތުގައި ބޭނުންކުރާ ކުރެހުންތައް،" ޝަހުމާ ބުންޏެވެ.
މީގެ ކުރިން ޝަހުމާއަކީ އެހާ ދަންނަ ނަމެއް ނޫނަސް، އޭނާ އާންމުގެ މެދުގައި ވިދާލީ މި އަހަރުގެ އެކްސްޕޯގައި އޭނާ ބައިވެރި ކުރި މީހުން ހައިރާން ކުރުވަނިވި މަސައްކަތަށް ފަހު އެވެ. މުޅިން އަލަށް ބައިވެރިވެ، އެފަދަބޮޑު ކާމިޔާބީއެއް ލިބުނީތީ އޭނާ އުފާކުރެ އެވެ.
މި އަހަރުގެ ފަންނު ވެރިންގެ އެކްސްޕޯގައި ޝަހުމާ ވަނީ ދެ ކުރެހުމެއް ބައިވެރިކޮށްފަ އެވެ. އެ ދެ ކުރެހުމުގެ ތެރެއިން އެއްވަނަ ލިބިފައިވަނީ އޭނާ ބައިވެރިކުރި 'މެމޮރީ އޮފް ދަ ޓައިޑްސް' ކުރެހުމަށެވެ. އެ ކުރެހުމުގައި ދައްކައިދެނީ ރަށެއްގެ ގޮނޑުދޮށަށް ރާޅު ބީއްސާ މަންޒަރެވެ. ނުވަތަ ދިޔަވަރު ބޮޑުވެގެން އަންނައިރު ކަނޑުގެ ތެރެއިން ހަލާކުވެގެން އަންނަ މުރަކަތަކާއި އެހެނިހެން މޫދުގެ ދިރުންތައް ރަށެއްގެ ގޮނޑުދޮށުގައިވާ ދޮންވެލިގަނޑަށް ދޫކޮށްލާފައިދާ މަންޒަރެވެ. އެ ކުރެހުން ފުރިހަމަ ކުރުމަށް އޭނާ މަދުވެގެން ފަންސާހަކަށް ފޮތުގެ ކަރުދާސް ބޭނުން ކުރި އެވެ.
"އެ ކުރެހުމުގައި އަޅުގަނޑު ދައްކައިދީފައި އިންނާނީ މޫދު ކައިރީގައި ހުންނަ ގަލާ، ބޮލިފަދަ ތަކެތި އޭތި ހުރި މާހައުލުން ނުނަގާ ވެސް އަދި އެއެއްޗިއްސަން ގެއްލުން ނުދީ ވެސް، ޑެކަރޭޓިވް ޕެއިންޓިންގް ޕީސްއެއް ހެދިދާނެކަން،" ޝަހުމާ ކިޔައިދިނެވެ.
އޭނާ ބޭނުންކުރި މިއާޓްއަށް ކިޔަނީ "ލެސް ރިލީފް ސްކަލްޕްޓިން" އެވެ. އެ ކުރެހުމުގައި ހުރި ކަނޑުގެ ދިރުންތައް ހެދުމަށްޓަކައި ކަރުދާސް ފުނޑުކޮށް، ގްލޫ ތެރެހާ އެއްކޮށް ބޭނުންވާ ބައްޓަން ގެނަ އެވެ. އަދި އޭގެ އެއްފަޅި ސީދާކޮށް ބައިންދައި، ކަންވަސްއެއްގައި ތަތްކުރި އެވެ. އަބަދުވެސް ކުރެހުމުގެ މަސައްކަތްކުރާ ޝަހުމާއަށް ލެސް ރިލީފް ސްކަލްޕްޓިން ދަސްކުރުމަކީ އުނދަގޫ ކަމަކަށް ނުވި އެވެ. ޕްރޮފެޝަނަލްކޮށް އެ މަސައްކަތް ކުރާ ގޮތާއި އެކި ޑިޒައިންތައް ދަސްކުރީ ޔޫޓިއުބް ވީޑިއޯ ބަލައިގެން ނެވެ.
"މިއީ ގާތްގަނޑަކަށް ނުވަ މަހުގެ މަސައްކަތެއް. ސްކަލްޕްޓިން ދަސްކުރަމުން ހެދި ދެ އާޓް ޕީސް ވީމަ ވަރަށް ގިނަ ދުވަސް ނެގި ނިންމަން. ހަދަން ފަށާފަ އެތައް ފަހަރަކު ފެއިލްވި. ހަވަރަކަށް ފަހަރު މުރަކަތައް ހެދިން. ކްލޭގެ 'ކޮންސިސްޓަންސީ' ދެނެގަންނަށް ވެސް ގިނަ ދުވަސް ނެގި. ދެން މިއާޓް ޕީސް ހެދުމުގައި އަޅުގަނޑު ބޮޑަށް ބެލީ މީހުން ކަރުދާސް ބޭނުން ނުކުރާ ގޮތަކަށް އެއްޗެއް ތައްޔާރުކޮށް، ޕެއިންޓްކޮށް ހުށަހަޅައި ދެވޭތޯ،" ޝަހުމާ މަސައްކަތް ކުރި ގޮތް ކިޔައިދިނެވެ.
އޭނާ ދެވަނައަށް ހުށަހެޅި ކުރެހުމަށް ވަނައެއް ނުލިބުނު ނަމަވެސް އެ މަސައްކަތް ވެސް ވަރަށް ނަލަ އެވެ. ކަނޑުއަޑީގެ ދިރޭ މުރަކަ ދައްކުވައިދޭ މި ތްރީޑީ ކުރެހުން ވެސް އޭނާ ތައްޔާރު ކޮށްފައި ވަނީ ފުރަތަމަ ކުރެހުމާ އެއްގޮތަށެވެ. އެއަށް އޭނާ ދީފައިވާ ނަމަކީ "އަ ވާލްޑް އޮފް ރިކްލެއިމްޑް ޑްރީމްސް" އެވެ.
މި ދެ އާޓް ޕީސް ހެދުމުގެ މަސައްކަތް ކުރި ނުވަ މަސް ޝަހުމާ ސިފަކުރީ ވަރަށް ބުރަކޮށް މަސައްކަތްކުރި ދުވަސްތަކެއް ކަމުގަ އެވެ. ނަމަވެސް އެ ހުރިހާ ގޮންޖެހުންތަކެއް ގިރާކޮށް އޭނާ އެވަނީ ފެންވަރު ރަނގަޅު މަސައްކަތެއް ދިވެހިންނަށް ދައްކުވައިދީފަ އެވެ. މި މަސައްކަތް ކުރުމުގެ ތެރޭގައި އޭނާއަށް ދަސްވި ކަމަކީ މަސައްކަތް ކުރުމުގައި ކެތްތެރިވުމަށާއި، ކުރަން ފެށި ކަމެއް ހުއްޓާ ނުލުން ކަމަށް ޝަހުމާ ބުންޏެވެ.
އަލަށް މި މަސައްކަތަށް ނުކުންނަ މީހަކަށް ނުވަތަ ކުއްޖަކަށް އޭނާގެ މަސައްކަތުން ގިނަ އިބުރަތްތަކެއް ލިބިގެންދެ އެވެ. އެއްކަމަކީ ކެތްތެރިކަމެވެ. ކަމެއް ކުރަން ހިތުލައިފި ނަމަ، މަޑުކޮށްގެން ހުރުމުގެ ބަދަލުގައި ފުރުސަތު ހޯދަން މަސައްކަތް ކުރުމުގެ މުހިންމު ކަމާއި، ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމާއި އަދި ކުރާ މަސައްކަތުގެ ފޮޓޯ ސޯޝަލްމީޑިއާގައި ހިއްސާކޮށް މީހުން ދަންނަ، އަދި މަސައްކަތަށް ފަރިތަ މީހަކަށް ވުމެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް ވަރަކަށް އެ މަސައްކަތެއް ކުރުމުގައި ވަގުތު ހޭދަ ކުރުމުގެ މުހިންމުކަން ވެސް އިނގިގެންދެ އެވެ
"އަޅުގަނޑު މި އެކްސްޕޯއަށް ތައްޔާރުވި އިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، މަސައްކަތް ކުރުމަށް ބޭނުންވާ ޖާގަ ނެތުން. އަދި ގޭގެ ކަންކަން މެނޭޖް ކުރަމުން މަސައްކަތް ކުރެވުނީ އަޅުގަނޑުގެ މަސައްކަތް ކުރާގަޑީގައި ދަރިންގެ ހުރިހާ ކަމެއް ފިރިމީހާ ބަލަހައްޓަ ދިނީމަ. އަޅުގަނޑުގެ މަންމަ ވެސް ކޮންމެ އިރަކު ގުޅާލިނަމަ ވެސް އެހީތެރިވެދިނުމަށް އައިސްދޭ. އަދި އަޅުގަނޑުގެ ބޮޑުބޭބެ، ފޮޓޯގްރާފާ އަހުމަދު ފަޔާޒްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން ވެސް ވަރަށް ޝުކުރުވެރި ކަމާއެކު ފާހަގަ ކުރަން. އެ އެހީތެރިކަން ނުލިބުނު ނަމަ މަސައްކަތް ވަރަށް ބޮޑަށް ލަސްވީސް،" ޝަހުމާ ބުންޏެވެ.
ކުރިއަށް އޮތް އަހަރުގެ އެކްސްޕޯގައި ވެސް ބައިވެރި ވާންނަންތޯ ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ، ވަރަށް ޒުވާން ވަރަށް ހުނަރުވެރި ކުދިން އުޅޭ ކަމަށާއި، އެ ކުދިންނަށް ޖާގަ ދިނުމުގެ ގޮތުން އެއްފަރާތް ވެލުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. ވީމާ ދެ ފަހަރަށް ވުރެ އިތުރަށް އެކްސްޕޯގައި ބައިވެރިވުމުގެ ވިސްނުން އޭނާ ނުގެންގުޅޭ ކަމެވެ. އެކްސްޕޯއިން ލިބުނު ކާމިޔާބީއާއެކު އޭނާ ކުރިން ހަމައެކަނި "އޯޑާއެއް ލިބުމުން" ކުރަމުން ދިޔަ މަސައްކަތް ވިޔަފާރީގެ ގޮތުގައި ކުރުމަކީ އޭނާގެ ވިސްނުމެއް ކަމުގައި ވެސް ބުންޏެވެ.
ޝަހުމާ ދެކޭ ގޮތުގައި ކުރެހުމަކީ ހަމައެކަނި ތަނެއް ރީތިކޮށްދޭން ބޭނުންކުރާ އެއްޗެއް ނޫނެވެ. ކޮންމެ ތަސްވީރެއްގައި ގިނަ މެސެޖުތަކެއް ވެ އެވެ. ގިނަ އިހްސާސްތަކެއްވެ އެވެ.
އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދިވެހިންގެ ތެރޭގައި ކުރެހުން ބަލައިގަނެ ނުވަތަ "އެޕްރިޝިއޭޓް" ކުރާ ކޮމިއުނީޓީއެއް އޮންނާނެ ދުވަހެއް ދެކުމެވެ. އަދި ރާއްޖޭގައި އާޓް މިއުޒިއަމެއް ހުޅުވި، ބޭނުން ވަގުތަކު ސްކޫލް ކުދިންނާއި ބޮޑެތި މީހުންނަށް އަބަދުވެސް ގޮސް ބަލާލެވޭ، އާޓް އާބެހޭ މައުލޫމާތު ފަސޭހައިން ހޯދޭނެ ދުވަހެއް ދެކުމެވެ.