ސޫރަޖް ބަރްޖާތްޔާ ޑައިރެކްޓްކޮށްފައިވާ ޢާއިލީ ފިލްމު "ޔޭ ޕްރޭމް މޯލް ލިޔާ" ސިނަމާތަކުގައި ދައްކަން ފެށިއިރު، ޓިކެޓް ކައުންޓަރުތަކުން ފެންނަނީ ވަރަށް އުފާވެރި އަދި ހިތްވަރު ލިބޭ ފެށުމެކެވެ.

ފުރަތަމަ ދުވަހު ވެސް ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ މި ފިލްމުގެ ހެނދުނުގެ ޝޯތަކަށް އާދައިގެ ތަރުޙީބެއް ލިބުނު ނަމަވެސް، ދުވަސް ކުރިއަށް ދިޔަވަރަކަށް ފިލްމުގެ ހަލުވިކަން އިތުރުވެ، ގިނަ ސަރަހައްދުތަކެއްގެ ހަވީރު އަދި ރޭގަނޑުގެ ޝޯތައް ހައުސްފުލް ވެފައިވެ އެވެ.

ރާޖްޝްރީ ޕްރޮޑަކްޝަންސް އިން ގެނެސްދޭ މި ފިލްމަކީ ލޯތްބާއި، މިއުޒިކާއި، އާއިލީ ޖަޒުބާތުތަކުގެ ތެރެއަށް ބެލުންތެރިން އަލުން ގެނެސްދޭ ފިލްމެކެވެ.

މި ފިލްމަށް ބެލުންތެރިންގެ ސަމާލުކަން ހުއްޓޭ އެންމެ ބޮޑު އެއް ސަބަބަކީ، ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ މައި ތަރިން ކަމަށްވާ އާޔުޝްމާން ހުރާނާއާއި ޝަރްވަރީ ގެ ކެމިސްޓްރީ އެވެ.

މީގެ އިތުރުން، ފިލްމު ރިލީޒްވުމުގެ ކުރިން ލަވަތަކަށް ލިބުނު ބޮޑު ތަރުޙީބަކީވެސް ފިލްމުގެ ފެށުން ވަރުގަދަ ވުމުގެ މުހިންމު ސަބަބެކެވެ. ފިލްމުގެ އަލްބަމް ވަނީ ރިލީޒް ކުރުމުގެ ކުރިން އެކި ޕްލެޓްފޯމްތަކުގައި އެއް ބިލިއަނަށްވުރެ ގިނަ ވިއުސް ހޯދާފަ އެވެ.

ބޮޑެތި ސިޓީތަކުގެ އިތުރުން، ސީޕީ، އެމްޕީ-ބެރާ އަދި ރާޖަސްތާން ފަދަ ސަރަހައްދުތަކުންވެސް މި ފިލްމަށް އުންމީދީ ފެށުމެއް ވަނީ ލިބިފަ އެވެ. ރާޖްޝްރީގެ ޢާންމު ޢާއިލީ ބެލުންތެރިންނަށް އަމާޒު ކޮށްގެން ގެނެސްދޭ ފިލްމަކަށް ވާއިރު، މި ސަރަހައްދުތަކުން ލިބޭ ތަރުޙީބަކީ ވަރަށް މުހިންމު ކަމެކެވެ.

ނހުކުރު ދުވަހުގެ އެޑްވާންސް ޓިކެޓް ވިކުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މެންދަމާ ހަމައަށް ޖުމްލަ 7 ޕަސެންޓް ސީޓު ވަނީ ބުކް ކޮށްފަ އެވެ. އޭގެ ތެރެއިން މެންދުރުފަހުގެ އަދި ރޭގަނޑުގެ ޝޯތަކުގެ ބުކިންގްތައް ހެނދުނުގެ ޝޯތަކަށްވުރެ ކުރީގައި އުޅޭއިރު، ސީދާ ސިނަމާތަކަށް ގޮސް ޓިކެޓް ނަގާ މީހުންނާއެކު މި އަދަދު އިތުރުވަމުން ދާނެ ކަމަށް ބެލެވެ އެވެ.

މަހާވީރް ޖެއިން ފިލްމްސް އާ ގުޅިގެން ރާޖްޝްރީ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި އަނޫޕަމް ޚޭރު، ސުޕްރިޔާ ޕާތަކް، ސީމާ ޕަހްވާ، ސޯމިޔާ ޓަންޑަން އަދި ސްވާނަންދް ކިރްކިރޭ ވެސް ހިމެނެ އެވެ.