ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒާއި އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި މިސައިލްތަކާއި ޑްރޯންތަކެއް އެ ގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހޮނިހިރު ދުވަހު ނާކާމިޔާބުކޮށް، ވައްޓާލައިފި އެވެ. މި ހަމަލާތަކުގެ ޒިންމާ އުފުލައި ހޫޘތީން ބުނެފައިވަނީ، އެމީހުން އަމާޒުކުރީ ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކަކަށް ކަމަށެވެ.
ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކުރި ގޮތުގައި، ވައްޓާލި މިސައިލްތަކުގެ ތެރޭގައި ރޭގަނޑުގެ ވަގުތެއްގައި ރިޔާޒަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލަކާއި، ޖާޒާން ޕްރޮވިންސްގެ އައްޝުގައިގަށް އަމާޒުކުރި ބެލިސްޓިކް މިސައިލެއް ހިމެނެ އެވެ. އައްޝުގައިގަކީ ދެކުނުގެ ސަރަހައްދުތަކަށް ފެނާއި ކަރަންޓު ފޯރުކޮށްދޭ މުހިންމު ޕްލާންޓްތައް ހުންނަ ސަރަހައްދެކެވެ. މި މިސައިލްތައް ވައްޓާލުމުގެ ތެރޭގައި އެއްވެސް އާންމު ރައްޔިތަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ކޯލިޝަނުން ބުނެ އެވެ.
ހޫތީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ދުވާލަކު 400،000 ފީފާގެ ތެޔޮ ސާފުކުރާ ސައުދީ އަރާމްކޯގެ ޖާޒާން ރިފައިނަރީ އަށާއި، ދެކުނު ހުޅަނގުގައި ހުރި ދެ ޕަވާ ސްޓޭޝަނަކަށް އަދި އިރުމަތީ ޕްރޮވިންސްގެ ހަވިއްޔާ ގޭސް ޕްލާންޓަށް ހަމަލާދީފައިވާނެ ކަމަށެވެ. ޔަމަނުގެ ބޯޑަރު ކައިރީގައި އޮންނަ ޖާޒާން ރިފައިނަރީއަށް ބުރާސްފަތި ދުވަހު އެރި ހަމަލާއެއްގައި ނޭޕާލްގެ މަސައްކަތްތެރިއަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެ، މަސައްކަތްތަކަށް ވަގުތީ ގޮތުން ބުރޫއެރި ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި ހަމަލާތަކާ ގުޅިގެން ސައުދީ ކޯލިޝަނުން ބުނީ، ހޫތީން މިސައިލާއި ޑްރޯން ހަމަލާތައް ދިނުމަށް ބޭނުންކުރާ މުހިންމު އަސްކަރީ ވަސީލަތްތައް ހަލާކުކޮށްލުމަށް ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި ސައުދީ ސަރުކާރުން ވަނީ ޖާޒާނާއި އިރުމަތީ ޕްރޮވިންސް ހިމެނޭހެން ގައުމުގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ އެލާޓް ނެރެފަ އެވެ.
ޔަމަނުގެ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ހޫތީން އެ ގައުމުގެ ވެރިރަށް ސަންއާ ހިފުމާ ގުޅިގެންނެވެ. އެއާއެކު، ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމަށް ސައުދީ އިސްވެ އޮވެ 2015 ގައި އަސްކަރީ ކޯލިޝަނެއް އުފެއްދި އެވެ. 2022 ގެ ސުލްހައިގެ އެއްބަސްވުމަށްފަހު ދެފަރާތުގެ ކުރިމަތިލުންތައް ވަރަށް ބޮޑަށް މަދުވި ނަމަވެސް، މިއަހަރުގެ ޖުލައި މަހުން ފެށިގެން މި ހަނގުރާމަ އަނެއްކާވެސް ވަނީ ވަރުގަދަވެފަ އެވެ.
ޕާކިސްތާނުގެ ޑްރާމާއާއެކު ނެޓްފްލިކްސްއަށް އިންޑިއާގެ އިންޒާރެއް!
އެމްޑީޕީގެ ޒުވާނުންގެ ރައީސަކަށް އައިކް، އަންހެނުންގެ ރޫހަށް ޒާޔާ