ރާއްޖޭގެ ތަޚުތުގެ ދަހިވެތިކަމުގައި ހިލާލީ ދަރިކޮޅުގެ ރަސްކަލުން ޕޯޗްގީޒުން ރާއްޖޭގެ ދާޚިލީކަންތައްތަކަށް ވައްދަމުން ދިޔަ. އެ ދަރިކޮޅުގެ ވެރިކަން ހިމާޔަތް ކޮށްދިނުމުގެ ނަމުގައި ރާއްޖެ ހިފައި، 15 އަހަރު ވަންދެން ރާއްޖެ އަޅުވެތިކޮށްގެން ތިބި. މިއަދު ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އެ މީހުންގެ ވެރިކަން ހިމާޔަތް ކުރުމަށް އަވަށްޓެރި އިންޑިއާއަށް ދިވެހި ގައުމުގެ ދާޚިލީ ކަންތައްތަކަށް ވަނުމުގެ ދައުވަތު ދިނުމުގެ ނަތީޖާއެއްގެ ގޮތުން ޕޯޗްގީޒުންގެ ފިޔަވަޅުތަކުގެ މަތިން އިންޑިއާއިން ރާއްޖެއަށް މިއަދު ވަނީ މިސްރާބު ޖަހާފައި.

ޕޯޗްގީޒުން ރާއްޖެ ހިފައި 15 އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖެ އަޅުވެތިކޮށްފައި އޮތްކަމަށް ދިވެހިން ގަބޫލުކުރި ކަމަށް ވިޔަސް މިއީ ޕޯޗްގީޒުން ގަބޫލުކުރާ ކަމެއް ކަމަކަށް ނުވެ އެވެ. އެ މީހުން ދެކޭ ގޮތުގައި އެ މީހުން ރާއްޖެ އެއް ނުހިފަ އެވެ. އެ މީހުން ކުރިހާ ވެސް ކަމަކީ ދިވެހި ސަރުކާރަށް އެހީތެރިވުމެވެ. ރަސްގެފާނަށް ހިމާޔަތް އެރުވުމެވެ.

ހިލާލީ ދަރިކޮޅުގެ ނުވަ ވަނަ ހަސަން ރަސްގެފާނަށް ރާއްޖޭގެ ވެރިކަން ލިބުނުއިރު ރަސްކަމުގެ ކޮއިލު ތެރޭގައި ތަޚުތާމެދު އުފެދިފައި އޮތް ވާދަވެރިކަން އޮތީ ވަރަށް ބޮޑުވެފަ އެވެ. ތަޚުތުގައި އެއް ރަސްކަލަކަށް ގިނަ ދުވަހު ދެމިހުރުން އޮތީ އުނދަގޫ ކަމަކަށްވެފަ އެވެ. އެކަކު ވައްޓާލައި އަނެކަކު ވެރިކަމަށް އަރަމުން ދިޔައިރު، ކޮންމެ ރަސްކަލަކު ވެސް ހިމާޔަތާއި ބާރު ހޯދަމުން ގެންދިޔައީ އިންޑިއާގެ ގޯއާގައި އޮތް ޕޯޗްގީޒު ސަރުކާރުންނެވެ.

ދުވަސްވަރަކީ ރާއްޖެ އޮތް ތަނުގެ މުހިންމުކަން އިންތިހާއަށް އިތުރު ވެފައި އޮތް ދުވަސްވަރެކެވެ. މަލަބާރު އައްސޭރީގެ ހަމަނުޖެހުންތަކުގެ ސަބަބުނެ އިންޑިއާ ކަނޑުގައި ވިޔަފާރިކަމުގައި ދަތުރުކުރި މުސްލިމު ވިޔަފާރިވެރިން ރާއްޖޭގެ ކަނޑުތަކުން ދަތުރުކުރުމާއި ރާއްޖޭގައި ގާއިމުވެގެން ވިޔަފާރީގެ މުއާމަލާތްތައް ހިންގުން އޮތީ ވަރަށް ބޮޑުވެފަ އެވެ. އެހެންކަމުން ޕޯޗްގީޒުން ރާއްޖެއާ މެދު އޮތް ދަހިވެތިކަން ދިޔައީ އިތުރުވަމުންނެވެ. ރާއްޖޭގެ ކޮއިލު ތެރޭގައި ހިނގަމުން ދިޔަ ހަމަނުޖެހުމުގެ ފައިދާ ޕޯޗްގީޒުން ނެގީ އެ ސަބަބާ ހެދި އެވެ. އިންޑިއާ ކަނޑުގެ ވިޔަފާރި ކޮންޓްރޯލް ކުރުމަށެވެ.

ނުވަވަނަ ހަސަން ރަސްގެފާނަށް އެ މަނިކުފާނުގެ ރަސްކަން ދެމިއޮތުމާމެދު ޔަގީންކަން ކުޑަވުމުން ގޯއާ އަށް ވަޑައިގެން އެތަނުގައި އޮތް ޕޯޗްގީޒު ސަރުކާރުގެ އެހީ ހޯއްދެވި އެވެ. ޕޯޗްގީޒުން ރާއްޖެއަށް ހަމަލާދީ ރާއްޖެ ހިފައި، ފަނަރަ އަހަރު ވަންދެން ވެރިކަން ހިންގީ ހަސަން ރަސްގެފާނުގެ ނަންފުޅުގަ އެވެ. އެހެންކަމުން ޕޯޗްގީޒުންގެ ނަޒަރުގައި އެ މީހުން ރާއްޖެއެއް ނުހިފަ އެވެ. އޭގެ ބަދަލުގައި އޭރުގެ ދިވެހި ސަރުކާރަށް އެމީހުންގެ ހިމާޔަތާއި އެހީތެރިކަން ދިނީ އެވެ.

މިއަދުގެ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ޕޯޗްގީޒުން ރާއްޖެ ހިފި ދުވަސްވަރު ކަންތައް އޮތް ގޮތާ މިހާރު ކަންތައް ހިނގަމުންދާ ގޮތާ މެދު މާބޮޑު ތަފާތެއް ނެތެވެ. ރާއްޖޭގެ ލޮކޭޝަނުގެ މުހިންމުކަން ދުނިޔޭގެ ބޮޑެތި ބާރުތަކަށް އަންނަނީ ބޮޑުވަމުންނެވެ. ދުނިޔޭގެ ކަނޑު ދަތުރުގެ މައިގަނޑު ރޫޓުތައް ދިވެހި ކަނޑުތަކުގެ ތެރޭގައި ހިމެނުމުގެ ސަބަބުން ރާއްޖެ ކޮންޓްރޯލް ކޮށް، އަތް ދަށުލުމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުން މިވަގުތު ވަރަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. އޭގެ ފައިދާ ނަހަމަ ގޮތުގައި ނަގަމުންދާ ބަޔަކީ ވެރިކަމަށް ދަހިވެތިވެފައިވާ ރާއްޖޭގެ ސިޔާސީ ފަރާތްތަކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދާލައްވަނީ.

ރާއްޖޭގެ ވެރިކަމުގައި 30 އަހަރުވަންދެން ވެރިކަން ކުރެއްވި މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަން ވެގެންދިޔައީ ރާއްޖެ ގައުމެއްގެ ގޮތުގައި ވަކި ފަރާތަކަށް ނުޖެހޭ ހަރުދަނާ ސިޔާސަތެއް ގެންގުޅުނު ދުވަސް ވަރަކަށެވެ. އޭރު ރާއްޖެއަށް އިންޑިއާއިން ވެސް ޗައިނާ އިން ވެސް އެހީވި އެވެ. ވަކި ބަޔަކަށް ރާއްޖޭގެ ދާޚިލީ ކަންތަކާ ބެހުމުގެ ފުރުސަތެއް ނުދެއްވަ އެވެ.

އެ މަނިކުފާނުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި މީހުން ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އެހީ ހޯދައި ރާއްޖޭގެ ދާޚިލީ ކަންތަކަށް ވަނުމަށް އެ ފަރާތްތަކަށް ދައުވަތު ދެމުން ގެންދިޔަ އެވެ. ޔޫރަޕިއަން ޔޫނިއަނާއި އިނގިރޭސިވިލާތާއި އިންޑިއާ މިކަމުގައި ބައިވެރި ކުރުވި އެވެ. ދުނިޔޭގެ ބާރުތައް މިވަގުތު ބެހިފައި އޮތްގޮތުން އެއްކޮޅުގައި އޮތީ ޗައިނާ އެވެ.

ބާރު ގަދަ އެހެން ހުރިހާ ގައުމުތައް ޗައިނާއާ ދެކޮޅެވެ. އިގްތިސާދީ ހަނގުރާމައެއްގެ ގޮތުގައި ސިފަވެވޭ މި ހަނގުރާމައިގައި ޗައިނާ އާއި އިދިކޮޅު ދުނިޔޭގެ ކޯލިޝަންގެ އޭޝިއާގެ މެމްބަރަކީ އިންޑިއަ އެވެ. ދެކުނު އޭޝިޔާ ކޮންޓްރޯލްކޮށް އެ ގައުމުތަކަށް ހަންފަތުރަން އިންޑިއާއިން ކުރާ ކަމަކާ ބެހޭނެ ދުނިޔޭގެ ބާރުގަދަ އެހެން ގައުމެއް ޗައިނާ ފިޔަވާ މިވަގުތަކު ނެތެވެ. މިކަން އެންމެ ރަނގަޅަށް ދެނެގަނެ އޭގެ ފައިދާ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް އެންމެ ބޮޑަށް ނެންގެވި ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމާމެދު ދެބަސްވެވޭކަށް ނެތެވެ.

މައުމޫނުގެ ވެރިކަމުގައި އިންޑިއާގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އެ މަނިކުފާނު ކުރެއްވި ތަގުރީރެއްގައި އިންޑިއާ މީހުން ދެކެ ދިވެހިން ލޯބިވާވަރާއި ރާއްޖޭ އޮތީ އިންޑިއާ ކަނޑުގައި ކަމަށް ވާތީ ރާއްޖޭގެ ހުރިހާ ކަމެއް އިންޑިއާ އިން ބަލަހައްޓަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރާޢްޖޭގެ އެތެރޭގެ ޕޮލިޓިކްސްއާ ސީދާ ބެހުމަށް އިންޑިއާ އަށް ދައުވަތު އެރުވި އެވެ. ނަމަވެސް އޭރު އިންޑިއާގައި އޮތް ކޮންގްރެސް ޕާޓީއަކީ ކޮންމެވެސް ވަރަކަށް ތަހުޒީބީ ހަމަތަކެއް ހިފަހައްޓާ ޕާޓީ އެއްކަމުން، އެ ދައުވަތުތަކަށް ސީދާ އިޖާބަ ނުދިން ކަމުގައި ވިޔަސް އިންޑިއާގެ ވެރިކަމާ ކަނާތުފިޔައިގެ ހަރުކަށި ހިނދޫ ބީޖޭޕީ އައުމާއެކު ރާއްޖޭގެ އެތެރޭގެ ކަންތަކާ އިންޑިއާއިން ސީދާ ބެހެން ފެށި އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް ވާދަވެރިކަމުގެ ތެރެއިން އެ މީހުނަށް އެ ކަމަށް މަގުފަހިވެ އެވެ.

ހދ. ހަނިމާދުއަށް އިންޑިއަން އެއާފޯސްގެ މަތިންދާބޯޓެއް މިއަހަރުގެ ކުރީކޮޅު ޖައްސާފައި.

އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ފުރަތަމަ ފަހަރަށް ލިބުމާއެކު މުޅި ރާއްޖޭގެ އެތަންމިތަނުގައި އިންޑިއާގެ ރާޑާރުތައް ހަރުކޮށް ރާއްޖޭގެ ސަރަހައްދު މޮނިޓަރުކުރުމުގެ ބާރު އިންޑިއާއަށް ދިނެވެ. ހަމައެއާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭހެން ރާއްޖޭގެ ގިނަ އެއާޕޯޓްތަކެއް ވެސް އިންޑިއާއަށް މޮނިޓާ ކުރެވޭނެ ގޮތް ހަދައިދިނެވެ. އެގޮތުން އައްޑޫ ގަމާއި ލ. ކައްދޫގައި އިންޑިއާގެ މިލިޓަރީ ދެ ހެލިކޮޕްޓަރު ބާއްވައި މުޅި ރާއްޖޭގެ ސަލާމަތީ ކޮންޓްރޯލު އިންޑިއާއަށް ދިނެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމަށްފަހު ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖޭގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކާ އެކު އިންޑިއާއިން ރާއްޖެ އަރައި، ރާއްޖެ ހިފުމަށް ކުރީގެ ރައީސް ނަޝީދު ފާޅުގައި ދައުވަތު ދެއްވި އެވެ. އެމަނިކުފާނުގެ އެ ދައުވަތަށް ސަޕޯޓުކުރައްވައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އިންޑިއާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދެއްކެވި އެވެ. އެކަމަކު އޭރު އިންޑިއާ ކަނޑުގައި ޗައިނާގެ ހަރަކާތްތައް ހުރި ގޮތުން އިންޑިއާ އިން ރާއްޖެ ހިފަން ރޭވި ރޭވުމަށް އަމަލީ ސިފަ ގެންނާކަށް ނުކެރުނެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ޔާމީނުގެ ވެރިކަން ވައްޓާލުމަށް އޭރުގެ އިދިކޮޅު ޕާޓީތަކުން ކުރި ހުރިހާ މަސައްކަތެއް ވެސް ކުރަމުން ގެންދިޔައީ އިންޑިއާ ސަރުކާރާ ގުޅިގެންނެވެ. އެ މަސައްކަތް ކާމިޔާބުވެ، މިހާރު މިއޮތީ އިންޑިއާއަށް އޭގެ އިނާމު ދޭން ޖެހިފަ އެވެ. އިނާމެއްގެ ގޮތުގައި އައްޑު އަތޮޅު ދީގެން ފުދިދާނެކަން ދޭހަވާ މޭރުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަކީ "ނޭފަތު ކުރިން" ދެއްކެވި ވާހަކަ ފުޅެއް ނޫންކަން މިހާރު މިދަނީ ޔަގީން ވަމުންނެވެ. އެމްޑީޕީގެ ކެމްޕޭނުގައި އެ މަނިކުފާނު އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވި އެވެ.

"މި ސިޓީއާ ގުޅޭ އެންމެހައި ކަންކަން ބަލަމުން، އޮޅުންފިލުވަމުން ގެންދަނީ އެތައް ގައުމަކުން. ޒަމާނުއްސުރެ ދިވެހި ރާއްޖޭގެ އެކުވެރީންނަކީ އިންޑިއާ. އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަކީ ދިވެހި ރައްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައި ހުރި ކަމެއް. އައްޑޫ ސިޓީގެ ރައްޔިތުން އަބަދު ވެސް ވިސްނަވަން ޖެހޭނެ ތިބޭފުޅުންނަކީ ހަމައެކަނި ދިވެހި ރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫންކަން. ތިބޭފުޅުންނަކީ އިންޑިއާ ކަނޑުގެ މަސްލަހަތާ ވެސް މާބޮޑަށް ގުޅިފައިވާ ބައެއް،" ނަޝީދު ވިދާޅުވި އެވެ.

އައްޑޫގެ ސަލާމަތާ ތަރައްގީ އޮތީ އިންޑިއާގެ މަސްލަހަތާ ގުޅިފައި ކަމަށް ވިދާޅުވެ، އެމަނިކުފާނު އެ ދެއްކެވި ވާހަކަފުޅާ މިހާރު އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރަން އުޅޭ އުޅުމާ ގުޅުވާލުމުން ވެރިކަމުގައި ގާއިމުވެ ތިބުމަށް އިންޑިއާއަށް ރާއްޖޭގައި ބޭނުން ގޮތަކަށް އުޅުމުގެ މިނިވަން ދީފައި އޮތްކަން ޔަގީންވެ އެވެ. ޚާއްސަކޮށް ޖަރުމަނުގައި ހުންނަވައި އެމަނިކުފާނު ކުރެއްވި ޓުވީޓްގައި އެ ވިދާޅުވި އިންޑިއާގެ ކޮންސިއުލޭޓު އައްޑޫގައި ބިނާކުރުމަކީ ނޭފަތު ކުރިއަށް ވުރެ ފުންކޮށް ވިސްނައި ރޭވިގެން ހިނގާކަމެއްކަން އެނގެ އެވެ. މީގެ އެތައް ސަތޭކަ އަހަރު ކުރިން، ނުވަ ވަން ހަސަން ރަސްގެފާނު ޕޯޗްގީޒުންނާ އެކު ވެސް ގާއިމުކުރެއްވި ފަދަ ރޭވުންތެރި ގާތް ގުޅުމެކެވެ. އެ ހިކުމަތްތެރި ގުޅުމުގައި ހަނާ ވެގެންދާނީ ދިވެހިންނެވެ.