މިދިޔަ ހޮނިހިރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން މަރުވި ކަންނާޑާގެ އެކްޓަރު ސަންޗާރީ ވިޖޭގެ ގުނަވަންތައް ހާދިޔާކުރުމަށް ނިންމައިފި އެވެ.

ސަންޗަރީ ވިޖޭގެ އާއިލާއާ ހަވާލާދީ ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ގުނަވަންތައް ހަދިޔާކުރުމަށް އާއިލާއިން ނިންމާފައިވާ ކަމަށެވެ. ޑޮކްޓަރުން ބުނެފައި ވަނީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކުގެ ސަބަބުން ވިޖޭގެ ސިކުނޑި މަރުވެފައިވާ ކަމަށެވެ.

ވިޖޭގެ އެކްސިޑެންޓް ހިނގީ ރަހުމަތްތެރިއެއްގެ ގެއިން ސައިކަލުގައި އެނބުރި އަންނަނިކޮށެވެ. މިއެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އައިސީޔޫގައި ފަރުވާދީފައިވާއިރު، ވިޖޭގެ ސިކުނޑު މަރުވެފައިވާ ކަމަށް ނިންމާފައި ވަނީ އިއްޔެ އެވެ.

ނިއުރޯ ސާޖަން އަރުން ނަޔަކް މީޑިއާގައި ބުނެފައި ވަނީ މި އެކްސިޑެންޓްގައި ވިޖޭގެ ސިކުނޑީގެ ކަނާއަތް ފަރާތައް އަނިޔާވެފައިވާ ކަމަށާއި އަދި ސިކުނޑީގައި ލޭގަނޑުވެފައިވާ ކަމަށެވެ.

2011 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނިކުމެފައިވާ ވިޖޭ ވަނީ ނޭޝަނަލް އެވޯޑްވެސް ހާސިލް ކޮށްފަ އެވެ.