ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ތެލުގޫގެ ހުނަރުވެރި ޕުރޮޑިއުސަރު ދިލް ރާޖްއާއެކު ތެލުގޫގެ މަޝްހޫރު ފިލްމް"ނާންދްނީ" ގެ ހިންދީ ރިމޭކް އެއް ހަދަން ނިންމައިފި އެވެ.

އަޖޭ މިކަން ހާމަކޮށްފައިވަނީ އޭނާކުރި ޓުވިޓެއް މެދުވެރިކޮށެވެ.

"ނާންދްނީ" އަކީ ތެލުގޫ އިންޑަސްޓްރީން މި އަހަރު މިހާތަނަށް ނުކުތް ވަރަށް ކާމިޔާބު ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިފައި ވަނީ އައްލާރީ ނަރޭޝް އަދި ވަރަލަކްޝްމީ ސަރަތްކުމާރް އެވެ.

"ނާންދްނީ"ގެ ހިންދީ ރިމޭކްއިން އަޖޭ ދޭވްގަން ފެންނާނެކަމެއް އަދި ޔަގީނެއް ނޫނެވެ. މީގެ ކުރިން ވެސް އަޖޭ ވަނީ ސައުތުގެ ބުލޮކްބާސްޓާ އެތައް ފިލްމުތަކެއްގެ ހިންދީ ރިމޭކްގައި މަސައްކަތްކޮށްފަ އެވެ. ސިންގްހަމް، ދްރިޝްޔަމް އަދި ހިއްމަތްވާލާ މީގެ ތެރޭގައި ފާހަގަކޮށްލެވެ އެވެ.

ދިލް ރާޖްއަކީ ތެލުގޫ އިންޑަސްޓްރީގެ އެންމެ ކާމިޔާބު ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އޭނާގެ ކާމިޔާބު ބައެއް ފިލްމުތަކުގެ ތެރޭގައި، މިސްޓަ ޕާފެކްޓް، ބްރިންދާވަނަމް އަދި ފިދާ ހިމެނެ އެވެ. އަޖޭ ދޭވްގަންގެ ކުރިޔަށް ރިލީޒް ވާން ހުރި ފިލްމްތަކަކީ "މޭ ޑޭ" އަދި "ބޫޖް ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.