ޕާޓީއެއްގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ބޮލީވުޑްގަައި މަސައްކަތްކުރާ ފަންނާނުންނާއި ސައުތު އިންޑިއަން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުތަކެއް ހައްޔަރުކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވި ހާދިސާގެ ތަހުގީގުގެ ތެރެއިން ބޮލީވުޑާ ގުޅުންހުރި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މިހާރު އަންނަނީ ބޮލީވުޑާ ގުޅުން ހުރި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ.

ބޮލީވުޑުން މަސްތުވާތަކެތި ނައްތާލުމަށް ކުރާ މަސައްކަތުގެ ތެރެއިން އެންސީބީއިން މިވަނީ ޕާޓީއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ މައުލޫމާތު ލިބިގެން އެތަން ބަލާ ފާސްކޮށްފަ އެވެ.

އެ ޕާޓީ ތެރެއިން 22 މީހަކު ހައްޔަރުކޮށްފައިވާއިރު، ބޮލީވުޑްގައި މަސައްކަތްކުރާ 12 ފަންނާނަކާއި ސައުތު އިންޑިއަން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުތަކެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ބިގް ބޮސްގައި ކުރީގެ ސީޒަންގައި ފެނިގެންދިޔަ ބައިވެރިއެއް ވަނީ ވެސް ހައްޔަރުކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެންސީބީން މި ޕާޓީގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ވެސް ވަނީ ގެންގޮސްފަ އެވެ.

އެންސީބީގެ އޭސީޕީ މީޑިއާގައި ބުނެފައި ވަނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ދެ ބަންގަލޯއެއްގައި ބޭއްވި ޕާޓީއެއްގެ ތެރެއިން ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން މިކަމާ ހަށިވިއްކުމާ އެއްވެސް ގުޅުމެއްވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ބޮލީވުޑްގެ އޭ ސްޓަރުގެ ފަންނާނުނަށް ވެސް މަސްތުވާތަކެތީ ތުހުމަތުތައް މީޑިއާގައި ވަނީ ކޮށްފަ އެވެ. އަދި ބައެއް ފަންނާނުންނާ ގުޅުން ހުރި މައްސަލަތަކެއް މީގެ ކުރިން އެންސީބީއިން ވެސް ބަލާފައިވާކަން ފާހަގަ ކޮށްލެވެ އެވެ.