ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދެ މަސް ދުވަހު އުތްރަކާންޑްގެ މުކްތޭޝްވަރުގައި ހުންނަ، ނީނާގެ އަމިއްލަ ގޭގައި މަޑުކުރުމަށްފަހު މިވަނީ ކުރިއަށް އޮތް އޭނާގެ ފިލްމުގެ ޝޫޓިންގެ މަސައްކަތް ފެށުމަށް މުމްބާއީއަށް ފުރައިފަ އެވެ.

އިންޑިއާގައި ކޮވިޑް ހަލުވިކަމާއެކު ފެތުރޭތީ، ނީނާގެ ކުރިއަށް ހުރި ފިލްމު "ގުޑްބައި"ގެ ޝޫޓިންގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށާފައިވާއިރު، މި ފިލްމަކީ އޭނާގެ މުޅި ފިލްމީ ހަޔާތުގައި ވެސް ކުޅޭނެ އެންމެ ޚާއްސަ އެއް ފިލްމެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ނީނާ ބުނެފައި ވަނީ، އޭނާ ދަންނަ އެންމެން ތިބީ ހައިރާންވެފައި ކަމަށާއި، އިންޑަސްޓްރީގައި މިހާ ދުވަސްވީއިރު ފުރަތަމަ ފަހަރަށް އަމީތާބާއެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ. މީގެ ކުރިން ވެސް އަމީތާބާއެކު ފިލްމެއްގެ މަސައްކަތުގެ ވާހަކަ ދެކެވުނު ކަމަށާއި ނަމަވެސް އެ ފިލްމަށް ފަހުންވީ ގޮތެއް ނޭނގޭ ކަމަށް ބުނެފައިވެ އެވެ.

ގިނަ ބައެއްގެ މެދުގައި މަޝްހޫރުވި ހިންދީ ފިލްމު ކުއީންގެ ޑައިރެކްޓަރު ވިކާސް ބެލް ޑައިރެކްޓްކުރާ މި ފިލްމުގައި ނީނާ ފެނިގެންދާނީ އަމީތާބްގެ އަންހެނުންގެ ރޯލުންނެވެ.

"މިއީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް. އަހަރެން އަދިވެސް ހަނދާން އެބަހުރި، އަހަރެން ބަދާއި ހޯގައި ދައްކުވައިދިން އެކްޓިންއަށް ތައުރީފުކޮށް އަމީތާބުގެ އަތުން ލިޔެފައި އޮތް ނޯޓު ކޮޅަކާއެކު މާބޮޑިއެއް ލިބުނު ދުވަސް. އަހަރެންނަށް ހުރެވުނީ ހަމަ އާޝޯޚުވެފައި،" އެ އިންޓަވިއުގައި ނީނާ ބުންޏެވެ.

ނީނާ އާއި އަމީތާބަކީ ގާތް އެކުވެރިންނަށް ވީ ނަމަވެސް، އަމީތާބާއެކު ފިލްމެއްގައި މަސައްކަތް ކުރަން ޖެހުމުން ފުރަތަމަ ވަރަށް ހާސްވި ކަމަށާއި، ނަމަވެސް ފަހުން ޝޫޓިންގެ ސެޓުގެ ތެރޭގައި ދެ މީހުން ވާހަކަދައްކާ ހަދަން ފެށުމުން، އެ ހާސްވުން ފިލައިދިޔަ ކަމަށް ނީނާ ބުންޏެވެ.