އިންޑިއާގެ ހޮކީ ލެޖެންޑް ކެޝާވް ދަތު މަރުވެއްޖެ އެވެ.

ދެ ފަހަރަށް އޮލިމްޕިކްސްއިން ގޯލްޑް މެޑަލް ލިބިފައިވާ ކެޝާވް ދަތު މަރުވެފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ. މަރުވިއިރު އޭނާގެ އުމުރަކީ 95 އަހަރެވެ.

ކެޝާވް ދަތު އުފަންވެފައި ވަނީ 1925 ވަނަ އަހަރު ޕާކިސްތާނުގެ ލާހޫރްއަށެވެ. އޭނާ ތައުލީމް ހާސިލްކުރީ ވެސްޓަން ޕަންޖާބް ސިޓީގެ ސަރުކާރުގެ ކޮލެޖަކުންނެވެ.

އޭނާ ވަނީ އިންޑިއަން ހޮކީ ޓީމުގައި ކުޅެ 1948 ގައި ބޭއްވި ލަންޑަން އޮލިމްޕިކްސްގައި ބައިވެރިވެ ފުރަތަމަ ގޯލްޑް މެޑަލް އެ ޓީމަށް ހޯދައިދީފަ އެވެ.

އޭގެ ހަތަރު އަހަރު ފަހުން 1952 ގައި އޭނާއަށް ވަނީ ދެވަނަ ގޯލްޑް މެޑަލް ލިބިފަ އެވެ. ކެޝާވް މަރުވީ މުސްކުޅި ބަލީގައި ދުވަސްތަކެއް ވަންދެން އޮތުމަށް ފަހުގައި ކަމަށް އާއިލާ އިން ބުނެ އެވެ. ކެޝާވް މަރުވި އިރު އޭނާގެ ދެ ފިރިހެން ކުދިންނާ އަންހެން ކުއްޖަކު ހުރެ އެވެ.

ކެޝާވް ދަތް މަރުވުމާއި ގުޅިގެން ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން ދަނީ ދަތްގެ އާއިލާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.