ހުޅުމާލޭގައި އިމާރާތްކުރި ހުޅުމާލެ ޕޮލިސްގެ އައު އިމާރާތް ރަސްމީކޮށް މިއަދު ހުޅުވުމާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ގިނަ ބަޔަކު ތައުރީފް ކޮށްފި އެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއގައި އާ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

އެ އިމާރާތް ހުޅުވުމާއެކު ސޯޝަލް މީޑިއާގައި އާންމުން ބުނަމުން ދަނީ މިއަދު ފެނިގެންދިޔައީ ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުގެ ހަރުދަނާކަން ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ދާއިރާއަކަށް ބެލިއަސް އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުނުކުރެވޭ ފަދަ ކަންކަން ފެންނަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އާ ޕޮލިސްސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ހުޅުމާލޭގައި ފުލުހުންގެ ފުރިހަމަ މަރުކަޒެއް ގާއިމްކުރެވިގެން ދިއުމަކީ ފުލުހުން އަދާކުރަންޖެހޭ މުހިންމު ޒިންމާއަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވެ ހިދުމަތްތައް ގިނަވެ، ރައްޔިތުންގެ ހަރަކާތްތައް ފުޅާވެ، މުޅި ވެއްޓަށް އަންނަމުންދާ ބަދަލުތަކާ އެކުގައި ހުޅުމާލޭގައި ފުލުހުން ދޭންޖެހޭ ހިދުމަތްތަކަކީ ކޮންމެހެން ފުޅާކުރަންޖެހޭ ހިދުމަތެއްކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އޭގެއިތުރުން އިންސާނީ މުޖުތަމައަކަށް ބަލާއިރު އެމުޖުތަމައަކަށް ލިބިގެންވާ އެންމެ މުހިންމު ބަހާއަކީ އަމާންކަންކަމަށާއި މުޖުތަމައެއް ދެމިއޮތުމަށްޓަކައި އެ މުޖުތަމައުގެ އިގްތިސާދީ ތަނަވަސްކަމާއި ފުދުންތެރިކަމުގެ އިތުރުން އަމަންކަމާއި ރައްކާތެރިކަމަކީ އޮތުން ލާޒިމްކުރާ ދެ ސިފަކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އަމާންކަމާއި ރައްކާތެރިކަން މިއަދުގެ ދުނިޔޭގައި ކަށަވަރު ވެގެންދަނީ މިއަދުގެ ދުނިޔޭގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރައްވައި ފުލުހުންގެ ބޮޅުގައި އެޅިފައިވާ މުހިންމު ޒިންމާއަކީ އެކަމަށްޓަކައި ފުލުހުން ޒިންމާ އަދާކުރާ އެއަށް ފަހުރުވެރިވެ ޝުކުރުވެރިވާ ކަމެއްކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފްރަންޓްލައިން އަށް އިންފްރާސްޓްރަކްޗާ އަދި ވަސީލަތްތައް ދިނުން އެއީ އިސްކަމެއްކަމުގައި ދެކި، އޭގެ ނަތީޖާއެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކުރުން ކަމަށެވެ.

އަދި ފުލުހުންގެ ވާޖިބު އަދާކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ތަކުލީފުތައް ނައްތާލައި ފުލުހުންގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދޭނެ ނިޒާމްތައް ގާއިމްކުރުމަށް އިސްކަން ދީފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

ހުޅުމާލެ ޕޮލިސްގެ އައު އިމާރާތުގެ މަޝްރޫއަކީ 2017 ޖޫން 14 ވަނަ ދުވަހު ރައީސް ޔާމީންގެ ސަރުކާރުން އިފްތިތާހު ކުރި މަޝްރޫއުއެކެވެ. 2019 ނޮވެމްބަރު 12 ވަނަ ދުވަހު ނިމުނު މި އިމާރާތަކީ ތިން ފަންގިފިލައަށް އިމާރާތްކޮށްފައިވާ އިމާރާތެކެވެ. ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ޕޮލިސް ސްޓޭޝަނަކުން ރައްޔިތުންނަށް ހިދުމަތް ފަސޭހައިން ދެވޭނެ ފަދަ ބައިތަކާ ވަސީލަތްތަކުގެ މައްޗަށް ބިނާކޮށްފައިވާ މި އިމާރާތަށް 27.5 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.