އިޒްރޭލަށް ތާއީދުކުރި އިންޑިއާގެ ދެ ޓީޗަރުން ރާއްޖެއިން ޑީޕޯޓްކޮށްލައިފި އެވެ.
އެޑިއުުކޭޝަން މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ އަހުމަދު އަލީ މިއަދު ވިދާޅުވީ، އިޒްރާއީލަށް ތާއިދުކޮށް ހިޔާލުފާޅުކުރި އިންޑިއާ ދެ ޓީޗަރުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމާ ސްކޫލްތައް ބަންދު ކުރުމުގެ ކުރިން ގައުމަށް ފޮނުވާލައިފައިވާ ކަމަށެވެ.
ރާއްޖެއިން ޑީޕޯޓްކޮށްލަން ނިންމި ދެ ޓީޗަރުން ވަނީ ޔަހުދީ އަނިޔާވެރި އިޒްރޭލުގެ ސިފައިން ޕަލަސްތީނުގައި ހިންގާ ޖަރީމާތަކަށް ތާއިދުކޮށް ފޭސްބުކުގައި ޕޯސްޓެއް ކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން އެ ދެ ޓީޗަރުން ވަނީ މިދިޔަ މެއި މަހު ފަހުކޮޅު ސަސްޕެންޑް ކޮށްފަ އެވެ. އެއީ ހދ. ހަނިމާދޫ އާއި ށ. ޅައިގަމުގައި މަސައްކަތް ކުރަމުން ދިޔަ ދެ ޓީޗަރުން ނެވެ. ސަސްޕެންޑްކުރި ފަހުން އެ ޓީޗަރުންގެ ރައްކަލަށް ކަމަށް ބުނެ ތިބީ ގެނެސް މާލޭގަ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން މީގެ ކުރިން އަހުމަދު އަލީ ވިދާޅުވެފައި ވަނީ، ބިދޭސީ ޓީޗަރުންނާއެކު އޮންނަ ކޮންޓްރެކްޓުގައި ސުލޫކީ މިންގަޑުގައި އިސްލާމް ދީނާ ރާއްޖޭގެ ސަގާފަތާ ހިލާފަށް އަމަލުތައް ބެހެއްޓުމަކީ ކޮންޓްރެކްޓާ ހިލާފު ކަމެއް ކަމަށް ބަޔާން ކޮށްފައި އޮންނަ ކަމަށެވެ. އަދި މިހާރު އޮންނަ ސިސްޓަމްގެ ތެރޭގައި ވެސް އެފަދަ ކަންކަން ނުކުރަން ބާރު އަޅާފައި ކަމަށެވެ. އެހެންކަމުން އެ ދެ ޓީޗަރުންގެ އަމަލުތައް ބަލައި ނުގަނެވޭނެ ކަމަށެވެ.
ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އާ ސުލޫކީ މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މިންގަނޑު ފާސްވުމުން މިހާރު ދިމާވެގެން އުޅޭ މައްސަލަތައް ހުއްޓުވަން ބާރު ލިބިގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.