އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް އާއި ބޮލީވުޑް ތަރި ކަރީނާ ކަޕޫރަކީ ވަރަށް ގާތް ދެ ރަހްމަތްތެރިންނެވެ. އެހެން ގޮތަކަށް ބުނާނަމަ "ބެސްޓް ފްރެންޑްސް" އިންނެވެ.

ނަމަވެސް މި ދެ ފަންނާނުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ނުވަ މަހަށް ވުރެ ގިނަ ދުވަސްވަންދެން ތިބިކަން މިވަނީ ހާމަވެފަ އެވެ.

މިކަން ހާމަކޮށްފައި ވަނީ ކަރަން އޭނާގެ އޮޓޯބަޔޯގްރަފީގަ އެވެ. ކަރަން ހާމަކޮށްފައިވާ ގޮތުގައި މި ދެ މީހުން އެކަކު އަނެކަކާއި ވާހަކަ ނުދައްކާ ހުންނަން މެދުވެރިވީ ފިލްމެއްގެ މަސައްކަތަކަށް ކަރީނާ މާ ބޮޑު އަގެއް ކިޔުމުން ކަމަށެވެ.

ކަރަން ބުނެފައިވާ ގޮތުގައި "މުޖްސެ ދޯސްތީ ކަރޯގޭ" ރިލީޒްކުރި ހަފްތާގައި ކަރަން ކަރީނާއަށް "ކަލްހޯނާހޯ" ހުށަހެޅި އެވެ. ނަމަވެސް ކަރީނާ ވަނީ ޝާހްރުކް ޚާން އާ އެއް މިންވަރަށް އޭނާއަށް ވެސް ފައިސާ ދޭން ޑިމާންޑްކޮށްފަ އެވެ.

މިހެންވެ މިކަމާއި ކަރަން ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އޭނާ ފަހުން ކަރީނާ އާ ވާހަކަ ދައްކަން މަސައްކަތްކުރި ކަމަށާއި ކަރީނާގެ ފަރާތުން އެއްބާރުލުން ނުލިބުމުން "ކަލްހޯނާހޯ"ގެ އެ ރޯލް ޕްރީތީ ޒިންތާއަށް ހުށަހަޅާ އޭނާ ހަމަޖެއްސީކަމަށް ކަރަން ވަނީ ބުނެފަ އެވެ.

ދެ މީހުން ވާހަކަ ނުދައްކާތާ އަހަރެއްވުމާ ގާތްވެފައި ވަނިކޮށް ކަރީނާ ކަރަންއަށް ގުޅީ ކަރަންގެ ބައްޕަ ކެންސަރާ ހަނގުރާމަ ކުރަމުންދާކަމުގެ ހަބަރު ލިބިގެން ކަމަށްވެ އެވެ. ކަރަންއަށް ގުޅައި ކަރީނާ ވަނީ މާފަށް އެދި ކުރިން އޮތް ގުޅުން އަނބުރާ ބާއްވަން ފަށައިފަ އެވެ.