އައްމާން (25 ޖުލައި) - އީރާނުގެ ޑްރޯން ހަމަލާތަކެއް މީގެ ކުރިން އުރުދުންއަށް އަމާޒުވެފައިވާ ކަމަށް އެ ގައުމުގެ ރަސްގެފާނު އަބްދުﷲ ދެވަނަ އެއްބަސްވެވަޑައިގެންފި އެވެ.

އަބްދުﷲ މިހެން ވިދާޅުވެފައި ވަނީ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި، އީރާނުގެ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ސަރަހައްދުގައި އުފެދިފައިވާ ނުތަަނަވަސް ކަމަށް އިޝާރާތް ކުރައްވަމުންނެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އީރާނުގެ އަމަލުތަކުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

"އީރާނުގެ އަމަލުތަކުގެ ސަބަބުން ގަލްފް ސަރަހައްދުގެ ގައުމުތަކަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި. ނިއުކްލިއާ ޕްރޮގްރާމްގެ ސަބަބުން އިޒްރޭލުގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކަށް ވެސް އަސަރު ކުރާނެ،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ އިތުރަށް ވިދާޅުވީ އީރާނުގެ ޑްރޯން ހަމަލާތައް އުރުދުންއަށް އަމާޒުވީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށެވެ.

އުރުދުންގެ ރަސްގެފާނު މިވަގުތު ދަނީ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެން އެ ގައުމުގެ ވައިޓް ހައުސް އޮފިޝަލުންނާއެކު ބައްދަލުވުންތަކެއްގައި ބައިވެރިވެ ވަޑައިގަންނަމުންނެވެ.

މިއީ އެއްބަފާ ކޮއްކޯފުޅު ވަލީއަހްދު ހަމްޒާގެ ފަރާތުން ގޮންޖަހުންތަކެއް ކުރިމަތިވެ ވަޑައިގަތް އަބްދުﷲ ރަސްގެފާނު އެމެރިކާގެ ރައީސް ޖޯ ބައިޑަން ރައީސްކަމާ ހަވާލުވެ ވަޑައިގަތް ފަހުން އެމަނިކުފާނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. --އަލް އަރަބިއްޔާ