ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އާއެކު "ނޯ އެންޓްރީ"ގެ ސީކުއެލްއެއްގެ މަސައްކަތްނުކުރާ ކަމަށް ޑައިރެކްޓަރު އަނީސް ބަޒްމީ ބުނެފި އެވެ.

ޑައިރެކްޓަރު އަނީސް މިހެން ބުނީ ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާގެ މީޑިއާތަކުން ސަލްމާން ޚާން އާއެކު އޭނާ "ނޯ އެންޓްރީ"ގެ ސީކުއެލްއެއްގެ މަސައްކަތެއްކުރަން އުޅޭކަމަށް ބުނެ ހަބަރުތަކެއް ފެތުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން މީޑިއާއަށް ދިން އިންޓަވިއުއްގައި އަނީސް ބުނެފައި ވަނީ އަދި ސަލްމާންއާއެކު ފިލްމެއްގެ މަސައްކަތް ކުރުމަށް ވާހަކަ ވެސް ދެކިފައިނުވާ ކަމަށެވެ. އަދި އޭނާ ވަނީ ސެޓަށް ދާންވީ ދުވަހަކާއި ފިލްމް ރިލީޒްކުރާނެ ތާރީހަކާއި މިފަދަ ހަބަރު ފެތުރި ބަޔަކު އޭނާ އަށް އަންގައިދިނުމަށް އެދިފަ އެވެ.

އަނީސް އިތުރަށް ބުނިގޮތުގައި ސަލްމާން ޚާން ވަނީ މީގެ 16 އަހަރު ކުރިން އޭނާގެ ފިލްމް "ނޯ އެންޓްރީ" ގައި ހާއްސަ ފެނިލުމަކުން ފެނިފަ އެވެ. އަދި ސަލްމާންގެ ކެރެކްޓާ އާއި ފިލްމު ވެސް ހިޓް ވިކަމަށްވެ އެވެ.

އެއަށްފަހު ދެން ސަލްމާން އާއެކު މަސައްކަތް ކޮށްފައިވަނީ "ރެޑީ"ގައި ކަމަށް އަނީސް ބަޒްމީ ވަނީ ބުނެފަ އެވެ. އަދި ދެ މީހުން އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި ސަލްމާންއާއެކު ވަރަށް މަސައްކަތްކުރާ ހިތްވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ސަލްމާން ޚާން އެންމެ ފަހުން ފެނިފައި ވަނީ "ރާދޭ: ޔުއާ މޮސްޓް ވޯންޓެޑް ބައި" އިންނެވެ.

އޭނާގެ ކުރިޔަށް ހުރި ފިލްމްތަކުގެ ތެރޭގައި "ޓައިގާ 3", "އަންތިމް: ދަ ފައިނަލް ޓްރުތް" އަދި "ޕަތާން" އާއި "ލާލް ސިންގް ޗައްޑާ"ގައި ކުޅުމަށް ހަމަޖެހިފައިވާ ރޯލް ހިމެނެ އެވެ.