ރުކަކީ ދިވެހިރާއްޖޭގެ ގައުމީ ގަހެވެ. ތެތް ހޫނު ގައުމުތަކުގައި ހެދޭ މިގަހަކީ އޭގެ މުލުން ފެށިގެން ގަހުގެ ފަތަށް ދަންދެން ބޭނުން ކޮށްގެން ބޭނުންތެރި އެތައް ކަމެއް ކުރެވޭ ފައިދާހުރި ގަހެކެވެ. އިހު ދިވެހިންގެ ދިރިއުޅުމުގައި މިއީ ފާހަގަކުރެވޭ ވަރުގެ ރޯލެއް ކުޅެފައިވާ ގަހެކެވެ. ކެއިނުބްއިމާއި ގެދޮރު އެޅުމުގައި ރުކުގެ ބޭނުން އާއްމުކޮށް ކޮށްފައިވާކަން ތާރީޚުން ފެންނަން އެބަ އޮތެވެ. މިހާރު މިގަހުން ކުރެވޭ އެހެން ބޭނުންތަކަށް ކުރު ގޮތަކަށް ބަލާލަމާތޯ އެވެ.

މޫ

ރުކުގެ މުލަކީ ބޭސްވެރިކަމުގައި އާއްމުކޮށް ބޭނުން ކުރެވޭ އެއްޗެކެވެ. ހާއްސަކޮށް ދިވެހި ބޭހުގައި ރުކުގެ މޫ ބޭނުންކޮށްގެން އެތައް ބައްޔަކަށް ފަރުވާ ކުރެ އެވެ. މީގެ އިތުރުން ވެސް ރުކުގެ މުލަކީ ގޭތެރޭގައި ބޭނުންކޮށް އުޅޭ ހިފާ ގެންގުޅޭ ސާމާނު ތައްޔާރުކުރުމަށް މުޙިއްމު އެއްޗެކެވެ. އަދި ހަމައެއާއެކު މޫތައް ފެލައިގެން ހަދާ ތެލަކީ މިއަދު ވެސް އަޅުގަނޑުމެންގެ ތެރޭގައި މަޤުބޫލް އެއްޗެކެވެ.

ފަތް

ރުކުގެ ފަތް ނުވަތަ ފަނަކީ އިހު ދިވެހިން ގެދޮރު އިމާރާތްކުރުމުގައި ބޭނުންކޮށް އުޅުން އެއްޗެކެވެ. ފަންތައް އެއްކޮށް އެއިން މުޅޯއްޓާއި ކުނާ، ފަންގި ފަދަ ތަކެތި ހެދުމަކީ އިހު އަންހެނުން އާމްދަނީ ހޯދުމަށްޓަކައި ކޮށް އުޅުނު މަސައްކަތެކެވެ. މިހާރު ފަން އެންމެ ގިނައިން ބޭނުން ކުރެވެނީ ހާއްސަ ހަފްލާތަކަށް ތަންތަން ޒީނަތްތެރިކުރުމަށެވެ.

ރުއް ލަކުޑި

ރުއް ލަކުޑިއަކީ ކަނޑައި ބުރިކޮށްގެން އިމާރާތް ކުރުމުގައި އާއި ކަނޑު އުޅަނދުފަހަރު ބަނުމުގައި ނުހަނު ބޭނުންތެރި އެއްޗެކެވެ.

މޭވާ

ރުކުގައި އަޅާ މޭވާއަކީ އޭގެ އެކި އުމުރުގައި އެކި ބޭނުން ކުރެވޭ އެއްޗެކެވެ. އެންމެ ޅަ މިރި ގޮބޮޅިއަކީ ހުސް ކެއުމަކަށް މަޤުބޫލް އެއްޗަކަށް ވީއިރު ކުރުނބަލަކީ އޭގެ ފެނާއި ހެވާ ބޭނުންކޮށް ރަހަމީރު ބުއިންތައް ތައްޔާރު ކުރެވޭ އެއްޗެކެވެ. އޭގެ އިތުރުން ހަރު ކާށްޓަކީ ގާނައިގެންނާއި ކިރު ފެލައިގެން އެކި ވައްތަރުގެ ކާނާ ތައްޔާރު ކުރުމުގައި މުހިއްމު ބާވަތެކެވެ.