ހއ. ފިއްލަދޫއާ އެއްކޮށް އޮންނަ ދައްޕަރު، ފިއްލަދޫގެ އިހުތިސާސުން ވަކިނުކޮށް ވެސް އެ ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ކަމަށް ފިއްލަދޫ ކައުންސިލުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުން ހއ. ފިއްލަދޫއާ އެއްކޮށް އޮންނަ ދައްޕަރު، ފިއްލަދޫގެ އިހުތިސާސުން ވަކިކުރުމާ ގުޅިގެން ފިއްލަދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ފިއްލަދޫ ދެކުނާއި އުތުރުބައި ފިއްލަދޫގެ އިހުތިސާސުގައި އޮވެގެން ތަރައްގީކުރަން ގާނޫނީ ހުރަހެއް އޮތް ކަމުގައި އެ ކައުންސިލުން ނުދެކޭ ކަމަށެވެ.
ފިއްލަދޫ ކައުންސިލުން ވަނީ ދައްޕަރު އަލުން ފިއްލަދޫގެ ކައުންސިލްގެ އިހްތިސާސްގައި ހިމަނައިދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
ކައުންސިލުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފިއްލަދޫގެ އުތުރުބައި ކަމަށްވާ ދައްޕަރަކީ އެ ރަށާ ގުޅިފައިވާ، އަދި މިހާރު އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ފިއްލަދޫގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ ސަރަހައްދެއް ކަމަށެވެ. އަދި ދައްޕަރަކީ ފިއްލަދޫ ރައްޔިތުންގެ ކާބަފައިން އެންމެ ފުރަތަމަ ވަޒަންވެރިވެ ދިރިއުޅުނު ސަރަހައްދު ކަމަށާއި، މިހާރު ވެސް އެ ކަމަށް ހެކިދޭ ގަބުރުސްތާނެއް ދައްޕަރުން ފެންނަން އޮންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން އެ ސަރަހައްދުގައި ކޮންމެ މަޝްރޫޢެއް ހިންގި ނަމަވެސް އެ ތަނުގައި ހުރި އާސާރުތައް ރައްކާތެރިކޮށް ތާރީޚާއި ތަރިކަ ހިމާޔަތްކުރުމަކީ ކައުންސިލުގެ ޒިންމާއެއް ކަމަށް ދެކޭ ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.
އޭގެ އިތުރުން ކައުންސިލުން ބުނީ 1960ގެ ތެރޭގައި ހއ. ފިއްލަދޫ ދައްޕަރާއެކު ހއ. އަތޮޅުން ވަރުވާއަށް ލިޔެދީފައިވާ ކެލާ ތުނޑިއާއި، ބާރަށު މާކޮޅު، އުލިގަމު ކުޑަދޫ އަދި ކޮށިކޮޅު ފަދަ ތަންތަން، 1974 ވަނަ އަހަރުގައި، އެ ރަށަކާ އެއްފަސްކޮށް ހުރި ތަންތަން އެ ރަށެއްގެ ރައްޔިތުންނަށް ދައުލަތުން ދެއްވިއިރު ފިއްލަދޫ ދައްޕަރު ފިއްލަދޫ ރައްޔިތުންނަށް ދެއްވާފައިވާ ކަމަށެވެ.
ފިއްލަދޫ ކައުންސިލުން ބުނީ ދައްޕަރު ފިއްލަދޫގެ އިހުތިސާސުން ވަކިކުރުމުން ރައްޔިތުން އެކަމާ ޝަކުވާކުރަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންގެ ނުތަނަވަސްކަން ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ދައްޕަރުގައި ކައުންސިލުގެ މުދާ ވެސް ހުންނާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
ދައްޕަރު ފިއްލަދޫގެ އިހުތިސާސުން ވަކިކުރީ އެ ކައުންސިލުގެ މަޝްވަރާ ހޯދުމެއް ނެތި ކަމަށް ވާތީ ކަން ހިނގި ގޮތް ސާފުކުރަން ރައީސް އޮފީހާއި އެކަމާ ގުޅޭ ހުރިހާ އިދާރާތަކެއްގައި އެކައުންސިލުން މިހާރު ވަނީ އެދިފަ އެވެ.
ފިއްލަދޫގެ އިހުތިސާސް އެންމެ ފުރަތަމަ ކަނޑައެޅިއިރު ދައްޕަރު އޮތީ އެ ރަށުގެ ބައެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހު ރިޔާސީ ގަރާރަކުން މިހާރު ވަނީ ދައްޕަރު އެ ރަށުގެ އިހުތިސާސުން ވަކިކުރުމަށް ނިންމަވާފަ އެވެ.