ދިވެހި ގައުމީ ދިފާއީ ބާރާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ކުރިއަށް ގެންދާ އެކްސަސައިޒް ލެންޓަން މެޓަލް ސީރީޒްގެ ފުރަތަމަ ޓްރެއިނިން އެކްސަސައިޒްގެ ދަށުން ދިވެހި 36 ސިފައިން ތަމްރީން ކޮށްފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި ޕްރޮގްރާމްގައި އެމެރިކާގެ އަސްކަރިއްޔާގެ 11 އޮފިސަރުންގެ ޓީމުން އެމްއެންޑީއެފްގެ ޖުމްލަ 36 ސިފައިން ތަމްރީނު ކޮށްދީފައިވާ ކަމަށެވެ.

އެކްސާސައިޒް ލެންޓާން މެޓަލް ސީރީޒްގެ ފުރަތަމަ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ބޭއްވީ ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އެކްސާސައިޒް ލެންޓާން މެޓަލް ސީރީޒްގެ ފުރަތަމަ ޓްރެއިނިން އެކްސާސައިޒް ނިންމުމުގެ ރަސްމިއްޔާތު.. ފޮޓޯ:އެމްއެންޑީއެފް

މިނިސްޓަރު މާރިޔާ ވިދާޅުވީ އެކްސާސައިޒް ލެންޓާން މެޓަލްއަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަދި ވަރުގަދަ އަސްކަރީ ގުޅުމުގެ މައްޗަށް އޮތް ހެއްކެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިދިޔަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވޯކް އެގްރީމެންޓުގެ ސަބަބުން ދިފާއީ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

އެކްސާސައިޒް ލެންޓާން މެޓަލް ސީރީޒްގެ ފުރަތަމަ ޓްރެއިނިން އެކްސާސައިޒް ނިންމުމުގެ ރަސްމިއްޔާތު.. ފޮޓޯ:އެމްއެންޑީއެފް

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށް ދިން ބޮމުގެ ހަމަލާތަކުގައި މިދުނިޔެ ދޫކުރި އެމެރިކާގެ ސިފައިންނާއި ޒަހަމްވި ސިފައިންގެ އާއިލާތަކަށް މިނިސްޓަރު މާރިޔާ ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

މި ޖޮއިންޓް އެކްސާސައިޒްގައި ދަސްކޮށްދިން މުހިންމު ހުނަރުތަކުގެ ތެރޭގައި ކޮމްބެޓް މާކްސްމަންޝިޕް، ކައުންޓާ އައިއީޑީ އަދި މެރިޓައިމް އިންޓާޑިކްޝަން އޮޕަރޭޝަންސް ހިމެނެ އެވެ. މީގެ އިތުރުން، ހިއުމަން ރައިޓްސްގެ ބައެއް ހިމަނާފައިވެ އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ޔޫއެސް އާމްޑް ފޯސަސް ކޮންޓިންޖަންޓުގެ ޓީމް ކޮމާންޑާ ކެޕްޓަން ބެންޖަމިން ޒެއިސް އާއި ކޮންޓިންޖަންޓުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.