ފިއްލަދޫގެ އިޚުތިސާސުން އެ ރަށުގެ ބައެއް ކަމުގައިވާ ދައްޕަރު ވަކިކުރި މައްސަލާގައި އެ ރަށް ހިމެނޭ ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފު ފިއްލަދުއަށް ވަޑައިގަތުމުން އޭނާ އެރަށުން ބާލައިފި

ފިއްލަދޫގެ އިހުތިސާސުން އެ ރަށުގެ ބައެއް ކަމުގައިވާ ދައްޕަރު ވަކިކުރި މައްސަލާގައި އެ ރަށް ހިމެނޭ ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފު ފިއްލަދުއަށް ވަޑައިގަތުމުން އޭނާ އެ ރަށުން ބާލައިފި އެވެ.

ޝަރީފު އެ ރަށަށް ވަޑައިގަތުމުން ފިއްލަދޫގެ ޒުވާނުން ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވަން ވެސް ގޮވާލާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފިއްލަދޫގެ ރައްޔިތަކު ބުނީ ދައްޕަރުގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް ތަކުރާރުކޮށް ހުށަހެޅުމުން ވެސް މެމްބަރު އަޑު ނާހާ ކަމަށެވެ. މެމްބަރު ރަށަށް އައީ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ކަމަށާއި، އަދި މިއަދު ވެސް ވަޑައިގަތީ އަމިއްލަ އެދުމެއް އޮވެގެން އެކަން ހާސިލް ކުރަން ކަމަށެވެ.

"މިރަށު ރައްޔިތުން މިތިބީ ވަރަށް ހިތްހަމަ ނުޖެހިފައި. މިއީ ވަކި ސިޔާސީ ކުލައަކަށް ނިސްބަތްވާ ކަމެއްނޫން. މިކަމުގައި ހުރިހާ ޕާޓީތަކެއް ނިސްބަތްވާ ރައްޔިތުންވެސް ދައްޕަރު ފިއްލަދޫގެ އިޚްތިސާސުން ވަކިކުރަން ދެކޮޅު،" އެ ރަށުން މީހަކު ބުންޏެވެ.

އޭނާ ވަނީ ދައްޕަރު ވިއްކާލުމުގައި މެމްބަރުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކޮށްފަ އެވެ.

"މިހާރު ވެސް އަޅުގަނޑުމެންނަށް އަޑުއިވޭ އެބަ ބައެއް ފަރާތްތަކަށް ފައިސާ ދީގެން މިކަމާ އެއްބަސް ކުރުވަން މެމްބަރު މަސައްކަތް ކުރާ ކަމަށް. މިއީ ރައްޔިތުން އެދޭ ގޮތެއްނޫން. އަޅުގަނޑުމެންގެ ވޯޓުން ހޮވާފައި ހުރި މެމްބަރަކު އަޅުގަނޑުމެންނާ ދެކޮޅަށް އަޅުގަނޑުންމެން ބޭނުންވާ ގޮތާ ޚިލާފަށް ކަންކަން ކުރާނަމަ އިސްތިއުފާ ދޭންވީ. މެމްބަރަކު ހޮވަނީ ރައްޔިތުން ތަމްސީލު ކުރަން. އޭނާ އަމިއްލަ ޖާހު ބޮޑުކުރާކަށް ނޫން،" ފިއްލަދޫ ޒުވާނަކު ބުންޏެވެ.

ޝަރީފު ފިއްލަދޫއަށް ވަޑައިގަތުމުން އޭނާ ހުންނެވި ގެ ކައިރިއަށް ޖަމާވި ޒުވާނުން ބުނެފައިވަނީ ޝަރީފަކީ ޚާއިނެއް ކަމަށެވެ.

ރައްޔިތުން ތިބީ މެމްބަރާއި މެދު އިންތިހާއަށް "ރުޅި" އައިސްފައި ކަމަށާއި، ޚާއްސަކޮށް ދައްޕަރު ވިއްކާލުމުގައި މެމްބަރުގެ ބައިވެރިވުން އޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ދައްޕަރަކީ ޒަމާނުއްސުރެއް ފިއްލަދޫ ރައްޔިތުންނަށް މަންފާ ލިބޭ ރަށެއްގެ ގޮތުގައި އަދި ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައްޔިތުން ބަލަމުންދާ ރަށެކެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނި، ރަށުގެ ތަރައްގީގެ ޕްލޭން ތައްޔާރުކޮށް ކައުންސިލަށް އާމްދަނީ ލިބޭނެ މުހިއްމު ވަސީލަތެއްގެ ގޮތުގައި ދައްޕަރު ވެފައިވަނިކޮށް ކައުންސިލާއި އަދި ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ދައްޕަރު ވަނީ ވަކިކޮށްފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ ދައްޕަރުގައި ހިންގުމަށް ސަރުކާރުން ވިސްނަނީ ސެކަންޑް ހޯމްގެ އުސޫލުން ރިއަލް އެސްޓޭޓު ފަތުރުވެރިކަން ކަމަށެވެ.