ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ގޮތުން ނޭވާ ލައިގެން 60 ސިކުންތު ތެރޭގައި ނަތީޖާ ލިބޭ ޓެސްޓް ކިޓެއް ސިންގަޕޫރުގައި އުފައްދައިފި އެވެ.

ނެޝަނަލް ޔުނިވަސިޓީ އޮފް ސިންގަޕޯ (އެންޔޫއެސް) އިން ބުނިގޮތުގައި މި ޓެސްޓުން އިންސާނާގެ ނޭވާގައި ހުންނަ ބޮލަޓައިލް އޯގެނިކް ކޮމްޕައުންޑްސް ދެނެ ގަންނާނެ އެވެ. އަދި މި 180 މީހުން ބައިވެރިވި ކްލިނިކަލް ޓްރަޔަލްގައި 90 އިންސައްތައިގެ އެކިއުރެސީއެއް ދައްކާފައިވާ ކަމަށެވެ.

"މި ޓެސްޓް ހަދާ މީހާ ޖެހޭނީ "ހައި ޕްރެސިޝަން ބްރެތް ސާމްޕްލާ" އެއްގައި ހަރުކޮށްފައި ހުންނަ ޑިސްޕޯސަބަލް މައުތްޕީސްތަކަށް ފުމެލަން،" އެ ޔުނިވަސިޓީއިން ނެރުނު ނޫސްބަޔާނެއްގައި ވެ އެވެ.

މިހާރު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންކުރާ ސްވެބް ޓެސްޓްތަކުގައި ސާމަޕަލް ނެގުމަކީ އުނދަގޫ އަދި ސާމްޕަލް ނެގޭ މީހާއަށް ވެސް އުނދަގޫ ކަމެކެވެ. އަދި ޕީސީއާރް ޓެސްޓްގެ ނަތީޖާ ލިބެން ވެސް ދެތިން ގަޑިއިރު ނަގަ އެވެ.