އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 12 ބިލިއަން ރުފިޔާ ލިބުނުއިރު، ދައުލަތުގެ ބަޖެޓުން 20 ބިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރާ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރު ހަރަދު ކުރުމަށް 33.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާއިރު، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 20,7 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިގޮތުން ރިކަރަންޓް ހޭދައަށް 15 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ މުސާރަ ދިނުމަށް 6.9 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހަމަ އެހެންމެ އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 221.4 މިލިއަން ހަރަދުވެފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ފިނޭސުން ބުނީ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް ލިބިފައި ވަނީ 12.9 ބިލިއަން ރުފިޔާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބުނު 9.3 ބިލިއަން ރުފިޔާ އާއި، އެނޫން ގޮތްގޮތުން ލިބުނު 3.1 ބިލިއަން ރުފިޔާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ބަޖެޓަށް އިތުރުވެފައިވާ ރުފިޔާގެ ގޮތުގައި ހިލޭ އެހީގެ ގޮތުން ލިބިފައިވާ 394.4 މިލިއަން ރުފިޔާ ވެސް ހިމެނޭ ކަމަށް ފިނޭންސްއިން ބުންޏެވެ.
މި އަހަރުގެ ބަޖެޓުން ހަރަދުތައް މަތިވެގެން ގޮސްފައިވާއިރު، ކޮވިޑާ ގުޅިގެން އެ ބަލި ކޮންޓްރޯލް ކުރަން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެކަނި ވެސް ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.