ދިރިއުޅުމުގެ ހުރިހާކަމެއްގައި ވެސް އިސްރާފު ކުޑަކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ.

ނައިބު ރައީސް މިގޮތަށް އިލްތިމާސް ކުރެއްވީ ރޭ މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމެޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބޭއްވި "އެކުވެރި އެމްޑަބްލިއުއެސްސީ" ނެޓްވާކިން ޑިނަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖެފަދަ ކުޑަޖަޒީރާ ގައުމެއްގައި ދިރިއުޅޭއިރު މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނުން ހިންގައި އެ ބަދަލުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަން ފާހަގަކުރެއްވި އެވެ. އެގޮތުން ހާއްސަކޮށް ފެން އިސްރާފު ނުކުރުމާއި އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް އިސްރާފުތައް ކުޑަކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެކުވެރި އެމްޑަބްލިޔުއެސްސީ" ނެޓްވާކިން ޑިނަ ހަފްލާގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ނައިބު ރައީސް ފައިސަލް ވަނީ އެމްޑަބްލިއުއެސްސީއާ އަދި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ވެސް އެ ކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އެކިކަންކަމާއި މީހުން ބިނާކުރުމާއި އަދި ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުންފަދަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވައި ކުންފުނިތަކުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ ތެރޭގައި ވަރަށް ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި މަސައްކަތްތައް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ކިތަންމެ ކުޑަ މަސައްކަތެއް ކަމަށް ވިޔަސް އެއީ ރައްޔިތުންގެ ފަސޭހައަށް ކުރެވޭ ކަންތައްތައް ކަމަށް ވާތީ އެފަދަ ކަންކަމުގައި ވެސް ކުންފުނިތަކުން ގުޅިގެން މަސައްކަތްކުރަމުން ގެންދެވުމަށް އެދިވަޑައިގަންނަވާފަ އެވެ.

އެމްޑަބްލިއުއެސްސީ އާއެކު އެހެންކުންފުނިތަކުން ބާއްވަމުންގެންދާ ގާތްގުޅުން ދަމަހައްޓައި ކުންފުނިތަކުގެ ވެރިންގެ މެދުގައި ގުޅުންބަދަހިކުރުމުގެ ގޮތުން އެ ކުންފުނިން ރޭ ބޭއްވި މި ހަފްލާގައި ސަރުކާރާއި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.