މެނީލާ (06 އޮކްޓޯބަރު) - 1980ގެ އަހަރުތަކުގައި ފިލިޕީންސްގައި ވެރިކަން ކުރި ޚުދުމުހުތާރުވެރިޔާ ފާޑިނަންޑް މާކޮސްގެ ހަމައެކަނި ފިރިހެން ދަރިފުޅު ފާނިޑަންޑް މާކޮސް ޖޫނިއާ އަންނަ އަހަރު އެ ގައުމުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާން ކޮށްފި އެވެ.
ބޮންގްބޮންގްގެ ނަމުން މަޝްހޫރު ވެފައިވާ މާކޮސް ޖޫނިއާ އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާން ކޮށްފައިވަނީ އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކުރި ފަސް މިނެޓުގެ ވީޑިއޯއެއްގަ އެވެ.
މި ވީޑިއޯގައި އޭނާ ވަނީ ފިލިޕީންސް ހަމަމަގަށް އަޅުވައި، އަލުން އާރާސްތުކުރުމުގައި އޭނާއާއެކު ބައިވެރިވުމަށް ފިލިޕީންސްގެ ރައްޔިތުންނަށް ގޮވާލާފަ އެވެ.
މާކޮސް ޖޫނިއާގެ ބައްޕަ މޮކޮސް ސީނިއާއަކީ 1986 ވަނަ އަހަރު އެ ގައުމުގައި ހިނގި އިންގިލާބީ ބަދަލުގެ ތެރެއިން ގައުމު ދޫކޮށް ފިލި ޑިކްޓޭޓަރެކެވެ. އޭގެ ތިން އަހަރު ފަހުން އޭނާ މަރުވިއިރު އޭނާގެ ހުވަފަތް އަންހެނުން ވަނީ ފިލިޕީންސްއަށް އެނބުރި އައިސް އެ ގައުމުގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވެފަ އެވެ.
ހަ އަހަރުގެ ރިޔާސީ ދައުރަކަށް ވާދަކުރާ މާކޮސް ޖޫނިއާ ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނާއިބު ރައީސެއްގެ މަގާމަށް ވާދަކޮށް ހަނި ތަފާތަކުން ބަލިވެފަ އެވެ. އޭގެ އިތުރުން އޭނާއަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް ހިދުމަތް ކޮށްފަ އެވެ.
މާކޮސް ޖޫނިއާއާއެކު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ ބޮކްސިން ލެޖެންޑް މެނީ ޕެކުއިއޯ އާއި މެނީލާގެ މޭޔަރު ފްރާންސިސްކޯ ޑޮމަގޮސޯ ވާދަ ކުރާނެ އެވެ. -- ސީއެންއެން