ކިޔަވައިގެން ތިބޭ މޮޅު އަދި ރީތި އަންހެނުން ސިންގަލްކޮށް ތިބުމަކީ އަހަރެމެންނާ ބެހޭ ކަމަކަށް ނުވިޔަސް، މިއީ ބޭއިހުތިޔާރުގައި އަހަރެމެން ހިތަށް އަރާ ސުވާލެކެވެ. މި އަންހެން ކުދިންނަށް އިންނާނެ ފިރިހެނަކު ނުލިބެނީ ހެއްޔެވެ؟ ނުވަތަ ހޯދަން ވެސް ނޫޅެނީ ހެއްޔެވެ؟ މި ވާގޮތަކީ ކޮބައިހެއްޔެވެ؟

މިކަމާ ގުޅޭގޮތުން "ބްރައިޓް ސައިޑް" ކިޔާ ވެބްސައިޓަކުން ކުރި ދިރާސާއެއްގެ ހޯދުންތައް މި ލިޔުމުގައި ހިމަނާލާނަމެވެ.

މި ޒަމާނުގެ އަންހެން ކުދިން "އިންޑިޕެންޑެންޓް"

އަންހެނުން ދަނީ އެ މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް، ދުނިޔެ ބަދަލުކުރަމުންނެވެ. ފިރިހެނުންނާ އެއްހަމައެއްގައި އަންހެނުން ވެސް މިއަދު ވަޒީފާ އަދާކުރަމުން ދެ އެވެ. މީގެ އިތުރުން ވަކި ކަހަލަ މަސައްކަތްތައް ކުރުމަށް ފިރިއެއްގެ އެހީތެރިކަން ހޯދުމުގެ ބަދަލުގައި އެ ހިދުމަތް ފޯރުކޮށްދޭ ބަޔަކަށް ފައިސާ ދީގެން އެކަން ކޮށްލެވެ އެވެ. އެހެން ކަމުން ފިރިހެނުންނަށް ބަރޯސާވެފައި އޮންނަ މިންވަރު ކުޑަވެގެން ދެ އެވެ.

އަމިއްލަ މިނިވަންކަމަށް ލޯބިކުރަން ފެށުން

މިހާރު ގިނަ އަންހެނުން އޮފީސް ނިންމާލާފައި ގެއަށް އައިސް ފިރިމީހާއާއި ދަރިންނަށް ކައްކާފައި ކާންދިނުމުގެ ބަދަލުގައި ބޭނުންވަނީ އަމިއްލަ ނަފުސާ އެކީ ވަގުތު ހޭދަކޮށްލުމަށެވެ. މިސާލަކަށް ސެލޫން ނުވަތަ ސްޕާ އަށް ދިއުން، ވިޔަފާރިކޮށްލަން ދިއުން ނުވަތަ ފިލްމު ބަލާލުން މާ ރަނގަޅު ކަމަށް މި މީހުން ދެކެ އެވެ.

"އިމޯޝަނަލީ ސްޓޭބަލް"

މިހާޜުގެ އަންހެނުން ތައުލީމު ހާސިލުކުރުމުގެ ސަބަބުން މާ އިމޯޝަނަލް ގޮތުން ވެސް ވަރުގަދަ އެވެ. އަދި މި ޒަމާނުގައި އަންހެނުންނަށް ވެސް ފިރިހެނުންނާ ހަމަހަމަ ފުރުސަތުތަކެއް ލިބިދޭތީ ފިރިހެނަކާ ނުލާ ދިރިއުޅުން ދެމެހެއްޓިދާނެ ކަމުގެ ޔަގީންކަން އޮވެ އެވެ. މީގެ އިތުރުން ލޯބި ނުވާ އިހުތިރާމުކުރަން ނުދަންނަ މީހަކާއެކު ދިރިއުޅުން ވޭތުކުރުމަށް ވުރެ، ހަރުދަނާ ގާބިލު މީހެއް ލިބޭތޯ މަޑުކުރުމަކީ މާ ބުއްދިވެރިކަމެއް ކަމަށް މި އަންހެނުން ގަބޫލުކުރެ އެވެ.

ރީތި އަދި މޮޅު އަންހެނުންނާއި ގުޅުމަށް ފިރިހެނުން ޖެހިލުންވޭ

ގިނަ ފަހަރަށް ކާމިޔާބު، ރީތި އަދި މޮޅު އަންހެނަކު ފެނިއްޖެ ނަމަ ފިރިހެނުންނަށް ހީވެފައި އޮންނަނީ އޭނާގެ ބައިވެރިޔަކު ހުންނާނެ ކަމަށެވެ. މި ހާލަތުގައި އަންހެން މީހާ ނޫނެކޭ ބުނެފި ނަމަ އެ ލަދާ ކުރިމަތިކާން ޖެހިދާނެތީ ފިރިހެނުން ބިރުގަނެ އެވެ.

ގިނަ އަންހެނުންނަކީ އިސްވެ ގަޔާވާކަން ހާމަކުރާ ބަޔަކަށް ނުވުމުން ވެސް ގިނަ ދުވަހު ސިންގަލްކޮށް ތިބެން ޖެހެ އެވެ.