ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކާ، ހައްޖު ކިއުގައި ތިބޭތާ ތިން އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ އެންމެހާ ފަރާތްތަކަށް މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފި އެވެ. މި ނިންމުމާއެކު 300 އަށް ވުރެ ގިނަ ދުވަސްވީ ހައްޖުވެރިންނަށް މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ރަނގަޅު ފުރުސަތެއް ފަހިވެގެންދާނެ އެވެ.
މި ނިންމުން ނިންމާފައިވަނީ، ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދަށް ބަލާއިރު، ދޮށީ އުމުރުފުރާގެ ގިނަ އަދަދެއްގެ މީހުން ހައްޖު ކިއުގައި ދިގު މުއްދަތަކަށް ތިބުމުގެ ސަބަބުންނެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ، ހައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި، ހައްޖުވުމުގެ ފުރުސަތު ނުލިބިދާނެ ކަމުގެ ކަންބޮޑުވުންތައް ހުރުމުން، ވީހާ ވެސް ގިނަ ދޮށީ އުމުރުގެ މީހުންނަށް ފަރުލު ހައްޖު އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުމަކީ ވެސް މި ނިންމުމުގެ މައިގަނޑު މަގުސަދެއް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، މި އުސޫލު ތަންފީޒުކުރާނީ، މައުލޫއީ ގޮތެއްގައި އުމުރަށާއި ކިއުން ޖާގަ ލިބުނު ތާރީހަށް ބަލައިގެން ކަމަށެވެ. މިއީ އެންމެންނަށް ހަމަހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި ތަންފީޒުކުރާނެ އުސޫލެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ކަމަށާއި، ދުވަސްވީ މީހުންނަށް ވީހާ ވެސް އަވަހަށް ފުރުސަތު ލިބި، ހައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުވެގެން ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން އުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.
މި އުސޫލުގެ ދަށުން ހައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، އުމުރުން 70 އަހަރުން މަތީގެ ހުރިހާ މީހުންނެވެ. އުމުރުން 70 އަހަރުން މަތީގެ އުމުރުފުރާ ކަމުގައި ބަލާނީ އެ މުއްދަތުގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައިވާ ނަމަ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. މި އުސޫލާއެކު 70 އަހަރުން މަތީގެ 324 މީހުންނަށް 1448 ވަނަ އަހަރުގެ ހައްޖުން ފުރުސަތު ދޭނެ އެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ވެސް ހިމެނެ އެވެ.
ހައްޖު ކޯޕަރޭޝަނުން އިތުރަށް ބުނި ގޮތުގައި، މި އުސޫލު ތަންފީޒުކުރުމާ އެކު، 1448 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް އަންދާޒާކޮށްފައިވާ އުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނާނެ އެވެ. އެގޮތުން 65 އަހަރުން މަތީގެ މީހުންނަށް ވެސް މި އަހަރުގެ ކިއުގައި އިސްކަންދޭނެ އެވެ. މީގެ އިތުރުން، އެ މީހުންނާ އެކު ދިއުމަށް ފައިސާ ދައްކާފައިވާ އަދި މި އަހަރު ހައްޖުވެވޭނެ ކަމަށް އަންދާޒާކޮށްފައިވާ އާއިލީ މީހުންގެ ތެރެއިން ހައްޖު ކިއުގައި ތިބި އާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމަށް ފުރުސަތު ނުގެއްލޭނެހެން އިސްކަންދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި އުސޫލުތަކުގެ ދަށުން ހައްޖުގެ ފުރުސަތު ދޭނީ، މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ، ހަމައެކަނި ފަރުލު ހައްޖު އަދާކުރުމަށް ދާ މީހުންނަށް އެކަންޏެވެ.
ހައްޖު ކިއުގައި ތިބި އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދޭން ނިންމި އިރު، ކޮންމެ އަހަރަކު ރާއްޖެއަށް ހައްޖު ކޯޓާގެ ގޮތުގައި 1،000އެއްހާ ކޯޓާ ލިބެއެވެ. މި ކޯޓާގެ ތެރޭގައި މި ސަރުކާރުގެ 5 އަހަރުގެ ތެރޭ 1،000 ނިކަމެތިންނަށް ސަރުކާރުގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ނިންމުމުގެ ދަށުން ހައްޖަށް ފޮނުވާ މީހުން ވެސް ހިމެނެ އެވެ.
މީގެ ކުރިން މިދިޔަ އަހަރު ސަރުކާރުން ވަނީ ފަސް އަހަރުން އެއް ފަހަރު ނޫނީ ހައްޖު ތަކުރާރު ނުކުރެވޭ ގޮތަށް، ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލަށް އިސްލާހު ގެނެސްފަ އެވެ.
ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓްގައި ބީއެމްއެލް
ނުނިމި ގިނަ ދުވަސްވެފައިވާ ރިސޯޓުތައް އަންނަ ހަފްތާގައި އަތުލަނީ