ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ އަދަދުތައް އިތުރުނުކޮށް، ޓޫރިސްޓުން އަންނަ އަދަދު އިތުރު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ މީހުން ޓެސްޓް ކުރެ އެވެ. މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިންތައް ހުންނަނީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ފުލުހުންގެ ލެބޯޓަރީގަ އެވެ.
ޓެސްޓް ކިޓުތަކުގެ ގޮތުގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގައުމުތަކުން ރާއްޖެ އަށް ވަނީ ގިނަ އަދަދެއްގެ ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފަ އެވެ. އަދި ޓެސްޓް ކިޓްތައް ހުސްވަމުންދާ ވަރަކަށް ސަރުކާރުން ދަނީ ރާއްޖެ އިން ބޭރުން ކިޓުތައް ގަންނަމުންނެވެ.
ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ބޮންޑޭ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެސްޓް ކުރާނެ އާލާތްތައް އެތައް މިތަނުން ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުން އެތައް ހޭދައެއް އެއަށް ކުރި އިރު ވެސް ޓެސްޓިން ކެޕޭސިޓީ އިތުރެއް ނުކުރެވޭ ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.
ޓެސްޓިން ކެޕޭސިޓީ އިތުރުކޮށްގެން ނޫނީ ފަތުރުވެރިން އިތުރެއް ނުކުރެވޭނެ ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.
ބޮންޑޭ އެގޮތަށް ވިދާޅުވި އިރު، ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވި ފަހުން، ދޮޅު މަސް ދުވަސްތެރޭ ރާއްޖެ އައީ 9،329 ޓޫރިސްޓުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޔޫއޭއީންނެވެ.
ރާއްޖެ އަށް ޓޫރިސްޓުން އައި އެހެން ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް، އެމެރިކާ، ސްޕެއިން. ރަޝިއާ އަދި ޖަރުމަން ހިމެނެއެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 8،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މި ބަލީގައި 29 މީހުން މަރުވެފައިވެ އެވެ.