ދުނިޔޭގެ އެންމެ މަގްބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކުންފުނި ކަމަށްވާ ފޭސްބުކްގެ ކޯޕަރޭޓް ނަން "މެޓަ"އަށް ބަދަލުކޮށް، ރީބްރޭންޑް ކޮށްފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ފޭސްބުކް ކަނެކްޓްގައި އެކުންފުނީގެ އާ ނަމާއި ލޯގޯ ދައްކާލަމުން އެކުންފުނީގެ ބާނީ މާކް ޒަކަބާގް ބުނެފައިވަނީ މި ގެނެވުނު ބަދަލަކީ ހަމައެކަނި ސޯޝަލް މީޑިއާ ޕްރޮޑަކްޓްއެއްގެ ގޮތުގައި ނަން މަޝްހޫރުވެފައި އޮތް އޮތުން ބަދަލުކޮށް އިތުރު ހިދުމަތްތަކެއް އެ ކުންފުނީގެ ދަށުން ފޯރުކޮށްދިނުމަށް ގެނެވުނު ބަދަލެއް ކަމަށެވެ.

އެގޮތުން "މެޓާ"ގެ އެންމެ ބޮޑު ތަފާތަކަށް ވާނީ ވާޗުއަލް ރިއަލިޓީ ނުވަތަ އޯގްމެންޓަޑް ރިއަލިޓީ މެދުވެރިކޮށް އެ ކުންފުނިން ތައާރަފް ކޮށްފައިވާ ހިދުމަތްތަކެވެ.

ވާޗުއަލް ރިއަލިޓީގެ ތަޖުރިބާ މެޓާގެ ކަސްޓަމަރުންނަށް ހޯދައިދިނުމުގެ ގޮތުން އެކުންފުނިން ވަނީ ފޭސްބުކްގެ ކޮމާންޑްތައް ދެނެގަންނަ އަތުކުރީ ގަޑިއެއް ވެސް އިއްޔެގެ ކަނެކްޓްގައި ދައްކާލާފަ އެވެ. މި އަތުކުރީ ގަޑި އަޅައިގެން އަތުގެ އިޝާރާތަކުން ފޭސްބުކްގެ އެކި ކޮމާންޑްތައް ބޭނުން ކުރެވޭނެ އެވެ.

މި އީޖާދާ ބެހޭ ގޮތުން ޒަކަބާގް ބުނެފައިވަނީ ޑެސްކްޓޮޕްތައް ލެޕްޓޮޕްތަކަށް ބަދަލުވި ފަދައިން ޓެކްނޮލޮޖީގެ ދުނިޔޭގައި، ހާއްސަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އިންގިލާބެއް ގެނުވާނެ ޓެކްނޮލޮޖީ އަކަށް އެ ވެގެން ދާނެ އެވެ.

ފޭސްބުކްގެ ކޯޕަރޭޓް ނަން މެޓާއަށް ބަދަލުވި ނަމަވެސް އެކުންފުނީގެ ދަށުން ހިނގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ނަން ބަދަލު ނުވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.