ބަނގްލަދޭޝްގެ ގައުމީ ފުޓުބޯޅަ ޓީމާ ދެކޮޅަށް އިއްޔެ ކުޅެ ދިވެހި ޓީމު ސްރީލަންކާގައި ބަލި ވެއްޖެ އެވެ. އޭގެ އިރުކޮޅެއް ފަހުން ދިވެހި ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) "ޑިސް އެޕޮއިންޓިންގް ރިޒަލްޓް" އޭ ކިޔައި ޓުވީޓެއް ކޮށްލި އެވެ.

މާޔޫސްވެފައި ތިބި ފުޓުބޯޅައަށް މަރުދޭ ދިވެހިންގެ މާޔޫސްކަން ކުޑަކޮށްލުމަށްޓަކައި ނޫސްތަކުގެ ފަލަ ސުރުޚީގައި ލިޔުނީ 18 އަހަރަށް ފަހު ބަނގްލަދޭޝްއަށް ދިވެހިން ފުރަތަމަ ފަހަރަށް ބަލި ކުރެވުނު ވާހަކަ އެވެ. މި ހިސާބުން ފުޓުބޯޅައިގެ އިސް މީހުން ބުނާނީ އެވެސް ތަޖުރިބާ އެއްކަމަށެވެ. ކުރިޔަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރާނެކަމަށެވެ.

ހަގީގަތަކީ ދިވެހި ފުޓުބޯޅަ ކުރިޔަށް ނުދާކަމެވެ. ދިވެހިންނަކީ ސަރަހައްދުގެ ބޮޑު ބާރެއް ކަމަށް ހީކޮށް ހިތްހަމަޖައްސައިގެން ތިއްބައި، އެހެން ގައުމުތައް ފަހަތުން އަރައި ދިވެހިންނަށް އަތު ނުޖެހޭ ހިސާބަށް ހިނގައްޖެ ކަމެވެ.

ބަނގްލަދޭޝް މެޗްގެ ކުރިން ދިވެހިން ވަނީ މި ސަރަހައްދުގެ މިވަގުތު އެންމެ ބަލިޓީމު ކަމަށް ބެލެވުނު ސްރީ ލަންކާގެ އަތުން ލަދުވެތި ބައްޔަކުން "ބަލި" ވެފަ އެވެ. ދިވެހި ޓީމު ހަތަރު ގޯލު ޖަހައިގެން މޮޅުވާން ދަނިކޮށް ފަހު ހާފުގައި ފަހަތުން އަރައި ލަންކާ ޓީމުން ދިވެހި ގޯލުގެ ތެރެއަށް ވައްދާލި ލަނޑު ގޯންޏަކީ ޚުދު ލަންކާ މީހުނަށް ވެސް ވެދާނެ ކަމަށް ގަބޫލު ކުރަން ދަތިކަމެކެވެ. އެ މެޗްގެ ވާހަކަ ދައްކަވަމުން ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ވެސް ބުނީ އެއީ އެއްވަރު ވިޔަސް ބަލިވުމެއްކަމަށެވެ.

ލަންކާގެ މެޗުން ލިބުނު ނަތީޖާއަށާއި އިންޑިއާ އަތުން ރާއްޖޭގައި ބަލިވި މެޗާއި މިފަދަ ކޮންމެ މެޗަކަށް ފަހު އާންމުން ވަރަށް ގަދައަށް ދައްކާ ވާހަކައެއް އޮވެ އެވެ. ދިވެހި ފުޓުބޯޅަ ކުޅުންތެރިންގެ ހުނަރާ އެއްވަރަށް އެ މީހުންގެ ބުންވަރު ނުހުންނަ ކަމެވެ،

މިއީ ތެދަކަށް ވެދާނެ ވާހަކައެކެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް ދިވެހި ފުޓުބޯޅައިން އުނިވާ ކަމެއް ފެންނަން އެބަ އޮތެވެ. ފާއިތުވެ ދިޔަ ދިހަ ވަރަކަށް އަހަރުގެ މެޗްތަކަށް ބަލާލިޔަސް ވަރަށް ރަނގަޅަށް ފެންނަން އޮތް ހަގީގަތަކީ ދިވެހި ކުޅުންތެރިންގެ ހުނަރާއި ބުންވަރާ އެއްވަރަށް މެންޓަލް ފިޓްނަސް ކުރިއަރައިފައި ނުވާ ކަމެވެ. ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ގޮސްފި ނަމަ ފައިނަލުން ބަލިވާނެ އެވެ. އެއް ޓީމަކާއެކު ދެ ފަހަރު ކުޅެން ޖެހި ފުރަތަމަ މެޗުން މޮޅު ވެއްޖެއްޔާ ދެވަނަ މެޗުން ބަލިވާނެ ކަމީ ސަތޭކަ ޕަސެންޓް ކުރިޔަށް ލަފާ ކޮށްލަން އެނގޭވަރުގެ ކަމެކެވެ.

ބަންގްލަދޭޝްގެ މެޗަށް ފަހު ކޯޗް މޮރިއޭރޯ ބުނީ އޭނާއަށް ވަގުތު ދިނުމަށެވެ. އެ ވާހަކަ ގަބޫލު ކުރެވެ އެވެ. ކޯޗަކަށް ޓީމަކާ ހަވާލުވެ ކުޅުންތެރިންގެ ކަންތައް އޭނާ ބޭނުންވާ ގޮތަކަށް ރާވައިލަން ވަގުތު ބޭނުން ވާނެ އެވެ. އެ ވަގުތު ދޭން ވެސް ޖެހެ އެވެ. އެކަމަކު ދިވެހި ފުޓުބޯޅާގައި މިއީ އާ ވާހަކައެއް ވެސް ނޫނެވެ. މޮޅެތި ކޯޗުން ގެނެސް ނަތީޖާ ނުނެރެވިގެން ފުރައިގެން ދާން ޖެހުމަކީ އާ ކަމެއް ނޫނެވެ. ފާއިތުވެ ދިޔަ ދިހަ ވަރަކަށް އަހަރު ވެސް އެކަން އައީ ތަކުރާރުވަމުންނެވެ.

މޮޅެތި ކޯޗުން ބޮޑު އަގުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ގެނެސްގެން ވެސް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ކުރިއެރުމެއް ނުލިބޭ ކަމީ ހަގީގަތެކެވެ. އެކަން އެގޮތަށް ހިނގާކަން ގަބޫލު ކޮށް މިވަނީ ކިހިނެއްތޯ ބަލަން އެބަ ޖެހެ އެވެ.

ކުޅޭ މެޗްތަކަށާއި މޮޅުވެ ބަލިވާ ގޮތަށް ބަލާއިރު ބުނެވެން އޮތީ ދިވެހި ފުޓްބޯޅައިގެ މެންޓަލް ފިޓްނަސް ރަނގަޅު ނޫން ކަމެވެ. އެކަން އޮތީ ފުޓުބޯޅައާ ބެހޭ މައި އިދާރާ (ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް)ގެ އެންމެ މަތީން ފެށިގެން އެކުޅިވަރާ ގުޅިފައިވާ ހުރިހާ ބައެއްގެ މެދުގައި ވަށާ ޖެހިފަ އެވެ.

ކޯޗަށް ދޭންވީ ހަމަ އެކަނި ވަގުތެއް ނޫނެވެ. ވަގުތާއެކު ބާރު ވެސް ދޭން ޖެހެ އެވެ. ނަތީޖާ ނެރެ ނުދެވުނު މެނޭޖްމެންޓް ބަދަލުވާން ވެސް ޖެހެ އެވެ. ތަޖުރިބާއަކަށް ފަހު ތަޖުރިބާއެއް ހޯދަން ކޯޗަކަށް ފަހު ކޯޗެއް ބަދަލުކުރަން މެނޭޖްމަންޓަށް ފުރުސަތު ދޭންވީ ސަބަބެއް ނެތެވެ.