މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތިން ދައުވާއަކާއި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ބޭނުން ކުރުމުގެ ކުށް ސާބިތުވެގެން ޒުވާނަކު 78 އަހަރަށް ޖަލަށް ލުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުން އެގޮތަށް ހުކުމް ކޮށްފައިވަނީ އުމުރުން 26 އަހަރުގެ މުންތަސަރު ޔޫސުފްގެ މައްޗަށެވެ. މި މައްސަލަތައް ސާބިތުވީ އޭނާގެ އަމިއްލަ އިއުތިރާފުންނެވެ.

މި މައްސަލަތަކުގެ ތެރެއިން ކެނެބިސް ބޭނުންކުރުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ ދެ އަހަރާއި އަށް މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން ކެނެބިސް ޓްރެފިކުކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުން އަދި ޖަލުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ އުމުރު ދުވަހުގެ ތިން ޖަލު ހުކުމް ވަނީ އޭނާގެ މައްޗަށް އިއްވާފަ އެވެ. އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރުގެ މުއްދަތެވެ. އެހެން ކަމުން ތިން ދައުވާ ސާބިތުވެ ޖުމްލަ 75 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

މީގެ އިތުރުން ކެނެބިސް ޓްރެފިކުކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުން އަދި ޖަލުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމާ 300،000 ރުފިޔާއިން އޭނާ ޖޫރިމަނާވެސް ކޮށްފައިވެ އެވެ. އެއީ ކޮންމެ ކުށަކާއި ގުޅިގެން 100،000 ރުފިޔާއިންނެވެ.

އަދި ފައިސާ އިއްޔެއިން ފެށިގެން ބާރަ މަސް ދުވަހުގެ ތެރޭގައި މިރާއަށް ދެއްކުމަށްވެސް އެހުކުމްގައި ވަނީ އަމުރުކޮށްފަ އެވެ.

މުންތަސަރު ޔޫސުފް ވަނީ އޭނާ އެކަން ކުރި ގޮތް ޝަރީއަތުގެ މަޖިލީހަށް ވަރަށް ސާފުކޮށް ކިޔައިދީފަ އެވެ.