އަންނަ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ބާއްވާ އެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާ އިން މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެ ޖަލްސާގެ އެޖެންޑާގައި ހުރި ކަންތައްތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުން ވެސް ހިމެނެ އެވެ.

މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ބައެއް ކަހަލަ ވިޔަފާރިކުރުމުގެ ހުއްދަ ލިބޭ ގޮތަށް ކަމާބެހޭ ގާނޫނުތައް އިސްލާހު ކުރުމަށް ވެސް އެޖެންޑާކޮށްފައިވެއެވެ. އެކަމަށްޓަކައި އިސްލާހު ކުރަނީ ސިވިލްސާވިސް ކޮމިޝަނުގެ ޤާނޫނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ ޤާނޫނާއި، އިލެކްޝަން ކޮމިޝަނުގެ ޤާނޫނާއި، އޮޑިޓުގެ ގާނޫނާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ޑރ. މުހައްމަދު އިބްރާހީމާއި އަލީ ރަޝީދުގެ ހުސައިނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުން ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިއްވި ފަސް އަހަރުގެ ޖަލު ހުމުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ބޭފުޅާއެވެ. އޭނާ އަކީ މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އެވެ.

މީގެއިތުރުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޚާއްސަ ގާނޫނު 2020 އަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ. އަދި ތަޢުލީމުގެ ބިލު ފާސްކުރުން ވެސް އެޖެންޑާކޮށްފައިވެ އެވެ.

ހަމައެހެންމެ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ހ. ވައިޖެހޭގެ އިބްރާހިމް ޝަހީބަށް ރުހުން ދިނުމާ މެދު ވެސް އެ ޖަލްސާގައި ގޮތެއް ނިންމާނެ އެވެ.