ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒްކުރުމުން ސަރުކާރު ކުންފުނިތަކުގެ މިލްކުވެރިކަމުގައި އާންމުންގެ ބައިވެރިވުން އިތުރުކޮށް އާމްދަނީގެ ފަހި ފުރުސަތުތަކެއް އާންމުންނަށް ލިބިގެންދާނެ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ސީއެމްޑީއޭއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު މަނިކު ވިދާޅުވީ ދައުލަތުގެ ކުންފުނިތައް އަންނަ އަހަރު ޕްރައިވަޓައިޒް ކުރުމަށް ސަރުކާރުން ރާވަމުންގެންދަވާ ސިޔާސަތުގައި އާންމުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދިޔުމަށް މިއޮތޯރިޓީން ބާރުއަޅާ ކަމަށެވެ. މިގޮތުން، ރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ނަމަ، ސަރުކާރަށް ބޭނުންވާ ފަންޑު ލިބުމުގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މިލްކުވެރިކަމުގައި އާންމުންގެ ބައިވެރިވުން އިތުރުކޮށް އަމްދަނީގެ ފަހި ފުރުސަތުތަކެއް ދިވެހި މުޖުތަމައުގައި އިތުރުކުރެވޭނެ ކަމަށް މަނިކު ވިދާޅުވި އެވެ.
އަދި މިހާރު ވެސް އާންމުން ބަލައިގަންނަ، ރަނގަޅު ނަފާއެއް ލިބެމުންދާ ސަރުކާރު ކުންފުނިތައް އެބަތިބި ކަމަށާއި، އެކުންފުނިތަކަކީ ރާއްޖޭގެ ކެޕިޓަލް މާރކެޓު މެދުވެރިކޮށް ކާމިޔާބުގޮތުގައި ޕްރައިވަޓައިޒް ކުރެވިދާނެ ކުންފުނިތަކެއް ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ކެޕިޓަލް މާރކެޓުގެ ދުވެލި އިތުރުކޮށް ޒަމާނީ ކުރުމަށްޓަކައި ގާއިމްކުރަންޖެހޭ ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް އޮތޯރިޓީ އިން ކުރަމުން އަންނަ ކަމުގައި ފާހަގަކުރެއްވި އެވެ. މީގެ ތެރޭގައި، އޮންލައިންކޮށް ހިއްސާއާއި އެހެނިހެން ބާވަތްތަކުގެ މާލީ ސެކިއުރިޓީޒް ގަނެވިއްކޭ ސިސްޓަމަކާއި ޑިޕޮސިޓަރީ ސިސްޓަމެއްގެ އިތުރުން މޯބައިލް އެޕްލިކޭޝަންއެއް ތައާރަފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމުގައި ފާހަގަ ކުރެއްވި އެވެ. އަދި އަލަށް ގާއިމުކުރަން ރާވަމުންދާ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ބޭނުންވާ ފަންޑިން ސަޕޯޓް ދިނުމަށް ސަރުކާރުގެ ފަރާތުން މިހާރު ވަނީ ރަސްމީ ގޮތުން ޔަގީންކަން ދެއްވާފައި ކަމަށް ވިދާޅުވި އެވެ.
ރާއްޖެއަކީ ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމައުއަކަށް ވީ ހިނދު، ޓެކްނޮލޮޖީގެ ފަސޭހަތައް އިތުރުކުރެވިއްޖެ ނަމަ، ކެޕިޓަލް މާކެޓްގައި އާންމު ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި ސްޓޮކް އެކްސްޗޭންޖް ކުންފުންޏާއި މިއޮތޯރިޓީ ކުރިއެރުވުމަށް ބޭނުންވާ ޑިވެލޮޕްމަންޓް ސަޕޯޓް ސަރުކާރަށް ދެވިދާނެ ގޮތްތައް މަޝްވަރާކުރުމަށް ހުށަހަޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، މިއޮތޯރިޓީން މިހާރު ޕްރައިވެޓް ޕްލޭސްމަންޓް ސެކިއުރިޓީޒް ފްރޭމްވޯކެއް ތަޢާރަފުކޮށްފައިވާއިރު، މި ފުރުސަތުތަކަކީ އާންމު ވިޔަފާރިތަކަށާއި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންގެ އިތުރުން ހޮވާލެވޭ ވަކިވަކި އިންވެސްޓަރުންނަށް އަމާޒުކޮށްގެން ފައިސާ ހޯދޭނެ ނިޒާމެއް ކަމަށް ފާހަގަކުރެއްވި އެވެ. އަދި މި ފްރޭމްވަރކްގެ ދަށުން ލުއިގޮތްތައް ކުންފުނިތަކަށް އޮތޯރިޓީން ހޯދައިދީފައިވާއިރު މި މާކެޓް އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ސޮފްޓްވެއާ މިހާރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ފަރުމާކޮށް ނިންމާފައިވާ ކަމަށާއި މި ނިޒާމުގެ ތެރެއިން ރާއްޖޭގެ ޑެޓް މާކެޓް (ދަރަނީގެ ވަޞީލަތްތައް މެދުވެރިކޮށް ވިޔަފާރިތަކާއި ޕްރޮޖެކްޓްތަކަށް ހިންގުމަށް ބޭނުންވާ ފަންޑު ހޯދުން) ރާއްޖޭގައި ކުރިއެރުވިގެންދާނެ ކަމަށް ފަހަގަ ކުރެއްވި އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންގެ ފަރާތުން އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު އައުޝަން ލަތީފް ވިދާޅުވީ، ސަރުކާރު ކުންފުނިތައް ލިސްޓުކުރުމަށް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖު ތައްޔާރަށް އޮތްކަމަށާއި އެކަމަށް ދޭންޖެހޭ އެންމެހާ އެއްބާރުލުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ފަރާތުން ދެއްވާނެ ކަމަށެވެ. އަދި ސްޓޮކް އެކްސްޗޭންޖުގެ މާޒީ އިން އެނގުނު ގޮތުގައި ރާއްޖޭގައި އައިޕީއޯތަކުގައި ހިއްސާ ވިއްކުމަށް އިންފިނިޓީ ޕޯޓަލް (ސްޓޮކް އެކްސްޗޭންޖު ކުންފުނިން ފޯރުކޮށްދޭ އޮންލައިން ސެކިއުރިޓީޒް ސަބްސްކްރިޕްޝަން ޕޯޓަލް) މެދުވެރިކޮށް ހުޅުވާލުމުން އެތައް ގުނައެއް އިތުރުވެގެން ދިޔަކަން ފާހަގަވިކަމާއި އަދި ކުރިއަށް އޮތްތަނުގައި އޮންލައިންކޮށް ސެކިއުރިޓީޒްގެ މުއާމަލާތްތައް ކުރެވޭ ނަމަ ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް މި ފުރުސަތު ފަހިވެ ކެޕިޓަލް މާރކެޓުގައި އާންމުގެ ބައިވެރިވުން އިތުރުކުރެވޭނެ ކަމަށެވެ. އަދި ޕްރައިވެޓް ޕްލޭސްމަންޓުގެ ދަށުން ފަރުމާކުރެވިފައިވާ ވިޔަނަ ޕްލެޓްފޯމަކީ އިންވެސްޓަރުންނާއި ކުންފުނިތައް ފަސޭހައިން ގުޅުވަދޭ ޕްލެޓްފޯމެއްކަން ފާހަގަކުރެއްވި އެވެ.
ފާޑުފާޑުގެ ނަން ކިޔައިގެން ރައްޔިތު މީހާގެ އަތުން އެތައް ފައިސާއެއް ނަގައިގެން އެތައް އަހަރަކަށްފަހު ފައިސާ ކޮބައިތޯ ބަލާލިއިރު ފައިސާއެއް ނެތް އެއަކުން ވީކަމެއް ނެތި މަސްއަލަ ޖައްސަން ފެށީމާ ބުނީ އެފައިސާ ހުރީ އިންވެސްޓު ކޮށްފައޭ ދެން އެ ނުލިބި ހުއްޓާ މުސްކުޅިވެ ގައިބާރު ދެރަވެ ސަލާންޖަހަން މިޖެހުނީ. އެއީ ޒުވާން ދުވަސްވަރު ސޭވު ކުރަން ލިބުނު ފައިސާ.