ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލާގައި މުސްލިމުންގެ އިހުސާސްތައް ދެނެވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް "ރެޑިކަލް އިސްލާމް" އަކީ އެންމެނަށް އަދި ހާއްސަކޮށް މުސްލިމުންނަށް ވެސް އޮތް ގޮންޖެހުމެއް ކަމަށް ފްރާންސްގެ ރައީސް މެނުއަލް މެކްރޮކް ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ސަރުކާރާއި މުސްލިމް ގައުމުތަކާއި ދެމެދު މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި މެކްރޮން އަލްޖަޒީރާ އަށް ދެއްވި މި އިންޓަވިއު ޓިވީ އިން ދެއްކުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގަ އެވެ.

"މިކަމާ ގުޅިގެން މުސްލިމުން ފާޅުކުރަމުންދާ އިހުސާސްތައް އަންޑަސްޓޭންޑްވޭ. އަދި އިހުތިރާމު ވެސް ކުރަން. އެކަމަކު އެނގޭނެ ފަދައިން އަހަރެންގެ ދައުރަކީ ސުލްހަ މަސަލަސްކަން ގާއުމުކުރުމާއި މި ހައްގުތައް ރައްކާތެރިކުރުން،" މެކްރޮން ވިދާޅުވި އެވެ.

"އަހަރެން އަބަދުވެސް އަހަރެންގެ ގައުމުގައި ހިޔާލު ފާޅުކުރުން، ލިޔެކިޔުން، ވިސްނުން އަދި ކުރެހުމުގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރާނަން."

މީގެ އިތުރުން މެކްރޮން ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން ދަނީ މި ކުރެހުންތަކަކީ ފްރާންސްގެ ސަރުކާރުގެ އުފެއްދުމެއް ކަމަށް ދޭވަހަގޮތަށް ވާހަކަދައްކަމުން ކަމަށެވެ.

ފްރާންސްގައި ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައި ހުރި ކާޓޫނުތަކެއް ދަރިވަރުންނަށް ދެއްކި ޓިޗަރެއްގެ ބޯބުރިކޮށް ވަނީ މަރާލާފަ އެވެ. މިކަމާއި ގުޅިގެން މެކްރޮކް ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުންނޭ ވިދަޅުވެ އެ އަމަލު ދިފާއުކުރައްވާފަ އެވެ. މީގެ ސަބަބުން މުސްލިމް ގިނަ ގައުމުތަކުން ވަނީ ފްރާންސްއާއި ދެކޮަޅަށް އަޑުއުފުލަން ފަށާފަ އެވެ.