މާލޭގެ ފެނުގެ މައި ނެޓްވޯކުގެ ފެން ހޮޅިއެއް ފަޅައިގެން ގޮސްގެން މާލޭގެ ބޮޑު ބަޔަކަށް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

ފެން ހޮޅި ފައިގެން ދިޔައީ ނިކަގަސްމަގާއި ބުރުޒު މަގާއި ގުޅުނު ހިސާބުގަ އެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ، މަރާމާތުގެ މަސައްކަތްތަކެއް ކުރާތީ، މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ޕްރެޝަރު ދަށްވެދާނެ ކަމަށެވެ. އަދި އެކަން ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ރޭ ފެށިގެން މާލޭގެ ބައެއް ސަރަހައްދުތަކަށް ފެން ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ މިގޮތަށް ލޯ ޕްރެޝަރުގައި ފެން ދަނީ، މާލެއަށް ފެންފޯރުކޮށްދޭ މައި ޑިސްޓްރިބިއުޝަން ނެޓްވޯކް ތެރޭގައި ހިމެނޭ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ. އަދި މިމައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިކަމަށް ހޭދަވާނީ ކިހާ ވަގުތެއްކަން ދަންނަވަން ނޭނގޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ވަނީ، މަރާމާތުގެ މަސައްކަތް ކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.

އެމްޑަބްލިޔުއެސްސީން ދޭތެރެ ދޭތެރެއިން މާލޭގެ މައި ނެޓްވޯކުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދެ އެވެ. އަދި ބައެއް މަގުތަކުގެ މައި ނެޓްވޯކުގެ އަޕްގްރޭޑިންގެ މަސައްކަތްތަކެއް ކުރުމަށް ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަން ވެސް ޖެހެ އެވެ.