އަރަބިއްޔާ ސްކޫލު ހިންގާ އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީންގައި ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި މައްސަލައާ ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުންތަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 11 ޖަހާއިރު އެވެ. މި މައްސަލައާ ގުޅިގެން އިއްޔެ ހަވީރު ވެސް ބެލެނިވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ޕްލޭން ކިޔައިދެއްވާފައިވެ އެވެ.

އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ވަގުތީގޮތުން ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ، އަރަބިއްޔާ ސްކޫލު ހިންގާ އިމާރާތުގައި ރެނދުލައި ބޮޑެތި ގެއްލުންތަކެއް ވުމުންނެވެ. ނަމަވެސް އެ ގޮތަށް ނިންމައި މިނިސްޓްރީން އިއުލާނުކުރީ ސްކޫލުގެ ކިޔެވުން އިއްޒުއްދީނަށް ބަދަލުނުކުރުމަށް އެދި ބެލެނިވެރިން ސިޓީއެއް ފޮނުވިތާ ދެތިން ދުވަސް ފަހުން ކަމަށް ބެލެނިވެރިން ބުނެ އެވެ.

އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް ދަރިވަރުންގެ ބެލެނިވެރިން ވަނީ ސުލްހަވެރި މުޒާހަރާއެއް ވެސް ކޮށްފަ އެވެ.

މިގޮތުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިއްޒުއްދީން ސްކޫލުގައި ކިޔަވައިދިނުމަކީ އެންމެހާ ކަންކަމަށް ބުރޫ އަރާނެ ކަމެއް ކަން ފާހަގަކޮށް ސްކޫލް ޕީޓީއޭއިންނާއި ބެލެނިވެރިން ވަނީ އެ ކުދިންގެ އަރަބި އިސްލާމް މަންހަޖުގެ ތައުލީމަށް ހުރަސްއެޅިދާނެ ކަމަށާއި، އެޑިއުކޭޝަނުން ނިންމި އެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.