ރާއްޖޭގައި ގާނޫނާ ހިލާފަށް ތިބި އިންޑިއާ ސިފައިން ބޭރުކުރަން ޕީޕީއެމުން އިސްވެ އޮވެ ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ދިވެހި ގައުމާ ދެކޮޅަށް ހިންގާ ޖަރިމާއެއް ކަމަށާއި އެއީ ޣައްދާރުވުމުގެ އަމަލެއް ގޮތުގައި ދެކޭތީ އެ ހަރަކާތް ހިންގަން ސަރުކާރުން ކުރިއަށް އޮތްތަނުގައި ފުރުސަތެއް ނުދޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އިންޑިއާ ސިފައިން ބޭރުކުރަން ހިންގާ ހަރަކާތް ހުއްޓާލައި ސިޔާސީ މަސައްކަތުގައި ކުރިއަށްދާން އިދިކޮޅު ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

"ޚިޔާލު ފާޅުކުރާށޭ. އަޅުގަނޑުމެން އަޑުއެހުމުގެ ގާބިލްކަން އެބަހުއްޓޭ. ނަމަވެސް މިހާރު މިފެންނަނީ ލައިން ކްރޮސްކުރާ ތަނޭ. އެއީ އެއްވެސް ހާލެއްގައި ޚިޔާލު ފާޅުކުރުމެއް ނޫނޭ. މިއީކީ އެއްވެސް ހާލެއްގައި ސިޔާސީ ހަރަކާތް ހިންގުމެއް ނޫނޭ. މިއީ ކަނޑައެޅިގެން ދިވެހި ގައުމާ ދެކޮޅަށް ހިންގޭ ޖަރިމާއެކޭ. ޣައްދާރުވުމުގެ އަމަލެއް ގެގޮތުގައި އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.

ޗީފް އޮފް ސްޓާފް ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ އޮތް ގުޅުން ހީނަރު ކުރުމަށް ކުރާ މަސައްކަތުން އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް އިންޑިއާ އާއި ބައިނަލްއަގުވާމީ މުޖުތަމައަށް ވަރަށް ސާފު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިންޑިއާ ސިފައިން ބޭރުކުރަން ހިންގާ ރަކާތުގެ ސަބަބުން ދެ ގައުމުގެ އާންމު ރައްޔިތުންގެ މެދުގައި ނުބައި ރޫހެއް އުފެދި ފަރުދީ ފެންވަރުގައި ހިނގާފާނެ ކަންކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން ޚާއްސަކޮށް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ ހަރަކަތަކީ ގައުމަށް ވެވޭ ޚިޔާނާތެއްގެ ގޮތުގައި އަލީ ޒާހިރު ވަނީ ސިފަކުރައްވާފައިވެ އެވެ.

"ސިޔާސީ ޕާޓީތަކުގެ ނަމުގައި ސިޔާސީ ޕާޓީތަކުގެވެރިންގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ ގޮތުގައި ތިއްބަވައިގެން އަވަށްޓެރި ގައުމުތަކާ ޚާއްސަގޮތެއްގައި އެންމެ ކުރީ ޒަމާނުއްސުރެ ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ އަދި ދިވެހިންގެ އެތައް ހާސް ބަޔަކު އަބަދުވެސް ޒަރޫރީ އަސާސީ ކަންތައްތަކަށް އެބައެއްގެ ފަރާތުން ފުއްދަމުންދާ އަވަށްޓެރި އިންޑިއާއާ ޒާތީގޮތުން ޖައްސާލައިގެން، އަދި ހާއްސަގޮތެއްގައި ވަރަށް ނާތަހުޒީބު ކަންތައްތަކެއް ހިންގަމުން ނުވިތާކުން ރަށްރަށުގައި ތިބި ފަތުރުވެރިން އޭގެތެރެއަށް ވައްދައިގެން އެކަން ކުރަން ފުރުސަތެއް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވީ މިސަރުކާރުން ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމަށް ހުރަސް ނާޅާނެ ކަމަށާ، ނަމަވެސް މުޅި މުޖުތަމައުގެ އަމާންކަން ގެއްލޭގޮތަށް ހިންގޭ ހަރަކާތްތަކުން ގެއްލުންވާނީ ރައްޔިތުންނަށް ކަމަށްވާތީ އެކަންކަން ހުއްޓުވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރައްޔިތުންގެ މަޖިލީހުގައި އެއްބަސްވެފައިވާއިރު އަލީ ޒާހިރު ވިދާޅުވީ ބޭރު ގައުމެއްގެ މިލިޓަރީ އޮތްނަމަ ފެންނާނެ ކަމަށެވެ. އަދި ރާއްޖޭގައި ތިބީ އިންޑިއާގެ އަސްކަރީ ބައެއް ޑޮކްޓަރުންނާއި ޓެކްނިކަލް މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.