"ކޮފީ ވިތު ކަރަން" ސީޒަން 9 ގެ ކުރިއަށް އޮތް އެޕިސޯޑުގައި، އަންހެން ތަރިންނަށް 8 ގަޑިއިރުގެ މަސައްކަތު ވަގުތު ކަނޑައެޅުމަށް ބަތަލާ ދީޕިކާ ޕަޑުކޯން ގެންގުޅުއްވާ ވިސްނުމަށް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ތާއީދު ކޮށްފި އެވެ.
ކަރަން ބުނީ ފިރިހެން ތަރިންނާ އެއްފަދައިން އަންހެން ތަރިންނަށް ވެސް މަސައްކަތުގެ ވަގުތުތަކުގައި އިހްތިޔާރާއި ހައްގު ލިބެންޖެހޭ ކަމަށާއި، ދީޕިކާގެ ނިންމުން ބޮޑު މައްސަލައަކަށް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މި އެޕިސޯޑުގައި ބައިވެރިވި އެކްޓަރު އަކްޝޭ ކުމާރުގެ މަސައްކަތުގެ ހަރުދަނާކަމާއި ޑިސިޕްލިންއަށް ކަރަން ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.
އަކްޝޭ ފަތިހު ތެދުވާ އާދައާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ދޮގު ކުރަމުން ކަރަން ބުނީ އަކްޝޭ އަކީ ފަތިހު 5:00 ޖަހާއިރު ވެސް މީޓިންތައް ބާއްވާ، އަދި ސްކްރިޕްޓް ފުރިހަމައަށް ދަސްކޮށްގެން މަސައްކަތަށް ނުކުންނަ ތަރިއެއް ކަމަށެވެ.
"އޭނާ އަބަދުވެސް ޑައިރެކްޓަރުންނަށް އެއްބާރުލުން ދީ، ޕްރޮޑިއުސަރުންގެ ޙާލަތަށް ރިޢާޔަތްކުރޭ. އަލަށް ނުކުންނަ ޑައިރެކްޓަރުންނަށް ފުރުޞަތު ދޭ ހަމައެކަނި ސުޕަސްޓާރަކީ އަކްޝޭ. އެކަމުގެ އެކަށީގެންވާ ޝުކުރު އޭނާއަށް ނުލިބޭ" ބުންޏެވެ.
ކްޝޭގެ ހަރުދަނާ ތާވަލާ ގުޅުވައިގެން، ފިލްމީ ދާއިރާގައި މަސައްކަތު ގަޑިތަކާ މެދު އުފެދިފައިވާ ބަހުސްގައި ކަރަން ބުނާ ދީޕިކާ އަކީ ހީވާގި އަންހެނެއް ކަމަށާއި، މަންމައަކަށް، އަނތްބަކަށް އަދި ޕްރޮފެޝަނަލް ތަރިއަކަށް ވުމާއެކު އޭނާގެ ޒާތީ ދިރިއުޅުމެއް ވެސް އޮންނާނެ ކަމަށެވެ.
ފިރިހެން ތަރިންނަށް އެފަދަ ޑިމާންޑުތައް ކުރެވޭއިރު، އަންހެން ތަރިންނަށް އެ ފުރުސަތު ނުދެވޭންވީ ސަބަބެއް ނެތް ކަމަށާއި، އެއީ ޖިންސީ ތަފާތުކުރުން އޮތް މިންވަރު ދައްކުވައިދޭ އިންސާފުވެރި ނޫން ކަމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.
އަކްޝޭ ވެސް ވަނީ 8 ގަޑިއިރުގެ ޝިފްޓުގެ ހިޔާލަށް ތާއީދު ކޮށްފަ އެވެ. އޭނާ ބުނީ ވަގުތަށް ހުރުމަތްތެރިކޮށް ހިތައިގެން، ވަކި ވަގުތުތަކެއްގެ ތެރޭގައި ޝޫޓިންތައް ކުރިއަށް ގެންދިއުމަކީ ފިލްމުގެ ފެންވަރު ދަށްނުވެ، ސެޓުގައި މަސައްކަތްކުރާ އެންމެންނަށް ވެސް ފައިދާހުރި ގޮތެއް ކަމަށެވެ.
2025 ވަނަ އަހަރު ސަންދީޕް ރެޑީ ވާންގާ ޑައިރެކްޓްކުރާ "ސްޕިރިޓް"އިންނާއި "ކަލްކީ 2898 އޭޑީ"ގެ ދެވަނަ ބަޔަށް ދީޕިކާ ނޫނެކޭ ބުނީ މަސައްކަތު ގަޑިތަކާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އޭގެ ފަހުން ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނެފައިވަނީ، ފިރިހެން ސުޕަސްޓާރުން އަހަރުތަކެއް ވަންދެން 8 ގަޑިއިރުގެ ޝިފްޓުގައި މަސައްކަތް ކުރަމުންދާއިރު، އަންހެނަކަށް ވީތީ އެފަދަ އެދުމެއް ހުށަހެޅުމުން އެކަން ބޮޑު ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.
ޓޭލާއަށް "މީން ގާލް" އަދި "ވިކްޓިމައިޒާ"ގެ ތުހުމަތު ތަކެއް!
ޖަސްޓިންގެ ހަޔާތުގެ މައްޗަށް ޑޮކިއުމެންޓްރީއެއް ނެރެނީ!
ހާޓްއެޓޭކެއް ނޫނީ ސްޓްރޯކެއްގެ އެތައް މަހެއް ކުރިން އެނގޭ: ދިރާސާ