އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ދާއިމީ އިމާރާތެއް ލިބެންދެން ވަގުތީ ގޮތުން ކިޔެވުމަށް ފޮރިން މިނިސްޓްރީ ހިންގި އެމްޓީސީސީ ޝޯރޫމަށް ހެދި އިމާރާތް ހަމަޖައްސައިފި އެވެ.
އަރަބިއްޔާގެ ދަރިވަރުންނަށް ވަގުތީ ހައްލަކާއި ދާއިމީ ހައްލެއް ހޯއްދައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ފާއިތުވި އަށް އަހަރު އެ ސްކޫލުން ބޭނުން ކުރަމުން ދިޔަ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުގެ ސަބަބުން ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.
އަރަބިއްޔާ ހިންގާ މިހާރުގެ އިމާރާތުގެ ޝަކުވާ ކުރުމުން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އަންނަ މަހުގެ 16 ގައި ފަށާ ދެވަނަ ޓާމަށް ވަގުތީ ގޮތުން އެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ. ނަމަވެސް ބެލެނިވެރިން ވަނީ އެހެން ސްކޫލަކާ ހިއްސާ ވެގެން، އަރަބި މީޑިއަމަށް ކިޔަވާ ދަރިވަރުން ކިޔެވުމަކީ ފަސޭހަވާނެ ކަމެއް ނޫން ކަމަށް ބުނެ އެކަން އެގޮތަށް ނުކުރުމަށް އެދިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑުތަކުރުފާނު މަގު ފެރީ ޓާމިނަލް ކައިރީގައި ހުންނަ އެ އިމާރާތުގައި ކިޔައިވޭން އެކަށީގެންވާ ގޮތަށް ބައެއް ބަދަލު ގެނެސް، ކްލާސްރޫމްތައް ހެދުމަށް ނިންމައިފަ އެވެ.
މިއީ އެ ސްކޫލުގެ ދާއިމީ އިމާރާތެއް ހަދަން މިހާރު ސަރުކާރުން ހަމަޖައްސަވާފައިވާ ބާޖަމާލުއްދީން ސްކޫލުގެ ބިމުގައި އަރަބިއްޔާ އިމާރާތް ކުރެވެދެން ހަމަޖައްސައިދިން ތަނެއް ކަމަށްވެ އެވެ. އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އަދި މިކަން ރަސްމީކޮށް ހާމައެއް ނުކުރައްވައެވެ.
އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދުނުމުގެ ގޮތުން ބާ ޖަމާލުއްދީނުގެ ބިމުގައި ޖާގަ ތަނަވަސް އައު ޢިމާރާތެއް ހަދަން ސަރުކާރުން ނިންމާފައި ވަނީ މިދިޔަ ހޯމަދުވަ އެވެ. މިގޮތަށް ނިންމެވިކަން ރައީސް އިއުލާންކުރެއްވީ އަރަބިއްޔާގެ ޕީޓީއޭގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވުމަށް އެ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
އަރަބިއްޔާގެ ދަރިވަރުން އެހެންތަނަކަށް ބަދަލުކުރަން ޖެހުނީ އެސްކޫލުގެ އިމާރާތުގެ ހާލަތަށް ބަލާއިރު އެއީ ކިޔަވައިދޭން އެންމެ ރައްކާތެރި ތަނެއް ނޫން ކަމަށް ވާތީ އެވެ. އެ ސްކޫލުގެ މިހާރު އިމާރާތުގެ ގިނަ ތަންތަނުން ކަނޑައިގެން ގޮސް، ކިޔަވައިދިނުމަށް އެކަށީގެންވާ ތަނެއްތޯ ސުވާލު އުފައްދައި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިން ބުނީ އަރަބިއްޔާގެ އިމާރާތަކީ ކުދިންނަށް ކިޔަވައިދިނުމަށް އެންމެ ރައްކާތެރިތަނަކަށް ނުވާތީ ވަގުތީގޮތުން އެކަމަށް ހައްލެއް ގެނައުމަށް އެ މިނިސްޓްރީން ނިންމަވާފައިވާ ކަމަށެވެ.