އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ތަޖުރިބާކާރު ޑޮކްޓަރު، ޑރ. މުހައްމަދު ސޯލިހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ސ.ހުޅުދޫ، ކުއްޅަވައްގެ، ޑރ. މުޙައްމަދު ސޯލިހު އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބުންނާ އެ ފެންވަރުގައި ކަމަށެވެ.

ޑރ. ސޯލިހުއަކީ ސިއްހީ ދާއިރާގެ 24 އަހަރަށް ވުރެ ގިނަ ދުވަހު ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޑޮކްޓަރެކެވެ. މީގެ ތެރޭގައި ބަލި މީހުންނަށް ފަރުވާ ދިނުމާއި ހިންގުމުގެ ދާއިރާ ހިމެނެ އެވެ. އެގޮތުން އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓެންޓް އިން ސާޖަންގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ހޭދަކުރެއްވި އެވެ. އޭނާ އެންމެ ފަހުން ހުންނެވީ މާލޭގައި ހިންގާ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ މެޑިކާ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމުގަ އެވެ.

ހިތަދޫގައި އަލަށް ހެދި އޭއީއެޗް އަކީ ޓާޝަރީ ފެންވަރަށް ހަދާފައިވާ ތަނެކެވެ. އެ ހޮސްޕިޓަލުގައި އެކްސްރޭ އާއި އޯޕީޑީ އާއި ލެބޯރަޓްރީ އަދި ފިޒިއޮތެރަޕީގެ ހިދުމަތް ވެސް ލިބެންހުރެ އެވެ. މީގެ އިތުރުން ކާޑިއޯ، ޑެންޓަލް، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ރީޕްރޮޑަކްޓިވް ހެލްތު އަދި އެކި ކަހަލަ ތެރަޕީތައް ދިނުމާއި އަދި ބޮޑެތި ބަލިތަކަށް ތަހްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންތައް ވެސް އެ ހޮސްޕިޓަލުގައި އަންނަނީ ކުރަމުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ 15 ގައި ރަސްމީކޮށް ހިދުމަތް ދޭން ފެށި ހޮސްޕިޓަލުގައި އޮޕަރޭޝަންތަކަށް ހާއްސަ ފަސް ތިއޭޓަރު ހުރެ އެވެ.