ނާސާގެ ސައިންސްވެރިން މީގެ 30 އަހަރު ކުރިން ތައްޔާރުކުރަން ފެށި ބާރު ގަދަ ޓެލެސްކޯޕް ޖޭމްސް ވެބް ސްޕެސް ސްޕޭސް ޓެލެސްކޯޕް (ޖޭޑަބްލިއުއެސް.ޓީ) އޭގެ މަންޒިލަށް ގެންދިއުމުގެ ދަތުރު ފަށައިފި އެވެ.
ނާސާއިން ޖައްވީ މައުލޫމާތު ހޯދުމަށް މިހާރު ބޭނުންކުރާ ހަބްލްއަށް ވުރެ ސަތޭކަ ގުނަ ބާރުގަދަ މި ޓެލެސްކޯޕަކީ ބިގްބޭންއަށް ފަހު ތަރިތައް އުފެދުނު ގޮތާއި އެ ތަރިތަކާ ބެހޭ މައުލޫމާތު ހޯދޭނެ ވަސީލަތެކެވެ.
ގާތް ގަނޑަކަށް 10 ބިލިއަން ޑޮލަރުގެ ބަޖެޓަކުން ތިރީސް އަހަރުން ނިންމާލެވުނު މި ޓެލެސްކޯޕު އާރިއާން ފަހެއްގެ ރޮކެޓެއްގައި ފްރެންޗް ގިއާނާގެ ޔޫރަޕިއަންސްޕޭސް ސްޓޭޝަނުން ނައްޓާލުމަށް ފަހު ގާތްގަނޑަކަށް 27 މިނިޓުގެ ތެރޭގައި ޓެލެސްކޯޕް ވަނީ ރޮކެޓާ ވަކިވެފަ އެވެ.
މި މަރުހަލާއަކީ ސައިންސްވެރިން އެންމެ ބޮޑަށް ނޭވާ ހިފަހައްޓަލި މަރުހަލާ އެވެ. އާރިއާން ރޮކެޓުގައި ހުރި ކެމެރާއަކުން އެ މަންޒަރު ބިމަށް ވަގުތުން ދެއްކި އެވެ.
އެއަށް ފަހު ޓެލެސްކޯޕްގެ ސޯލާ ޕެނަލް ބަރާބަރަށް މަސައްކަތް ކުރާކަމުގެ ސިގުނަލް ވަނީ ފޮނުވައިފަ އެވެ. ގާތްގަނޑަކަށް ޓެނިސް ކޯޓެއްގެ ބޮޑުމިނުގެ މި ޓެލެސްކޯޕްގެ އެކި ބައިތައް ވަކިވަކިން ނިއުޅައި ފުރިހަމަ ކުރުމަށް ދެ ހަފުތާގެ މިންވަރު ހޭދަވާނެ އެވެ. ޓެލެސްކޯޕް އޮންނަން ހަމަ ޖެހިފައިވާ އޯބިޓާ ހަމަޔަށް ވާސިލްވުމަށް މަހެއްހާ ދުވަސް ނަގާނެ އެވެ. އޭގެފަހުން ޓެލެސްކޯޕްގެ އެކިއެކި އާލާތްތައް ޓެސްޓްކޮށް ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުމަށް ހަތަރު މަހާއި ފަސް މަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެ އެވެ. އެ ހުރިހާ ކަމަކަށް ފަހު ސައިންސްގެ ދިރާސާތައް ފެށޭނީ ހަ މަސް ދުވަސް ފަހުންނެވެ.
ހުރިހާ ކަމެއް ބަރާބަރަށް ގޮސްފިނަމް މީގެ 13.8 ބިލިއން އަހަރު ކުރިން ހިނގި ކަމަށް ސައިންސްވެރިން ގަބޫލުކުރާ ބިގްބެންގެ ވަގުތު ކޮޅަކަށް ފަހު އުފެދުނު ތަރިތަކުގެ މައުލޫމާތުތައް ވެސް ވެބް ޓެލެސްކޯޕުން ހޯދޭނެ އެވެ. މިޓެލެސްކޯޕްގެ 21 ފޫޓުގެ ބިޔަ، ބާރުގަދަ ލެންސުން ކާއިނާތުގެ އެންމެ ފުން ހިސާބު ބަލައިލެވޭނެ ކަމަށް ސައިންސް ވެރިން ގަބޫލުކުރެ އެވެ. އެގޮތުން މިހާތަނަށް ފެނިފައިނުވާ ތަރިތަކާއި ގެލެކްސީތައް ހޯދޭނެ އެވެ. އަދި ޖައްވުގެ އެންމެ އަނދިރި ހިސާބުތަކުގައި ވާ ބްލެކް ހޯލްތަކާ ބެހޭ މައުލޫމާތު ހޯދައިގަތުމުގެ ކުޅަދާނަކަން ވެސް މި ޓެލެސްކޯޕަށް ލިބިގެންވެ އެވެ
ޖޭޑަބްލިއުއެސް.ޓީ އާއެކު އިންސާނުން ކާއިނާތުގެ ދުރު ހިސާބުތަކުގެ އަޖައިބުތައް ދެނެގަތުމަށް ކުރާ މަސައްކަތްތަކަށް އިންގިލާބެއް އަންނާނެ އެވެ. ދުނިޔެ ފިޔަވައި އެހެން ހިސާބެއްގައި ދިރުމެއް ވޭތޯ ބަލަންކުރާ މަސައްކަތަށް ވެސް ބޮޑު ހަލުއިކަމެއް އަންނާނެ އެވެ. އުންމީދުން ފުރިގެންވާ މި ޓެލެސްކޯޕްގެ މަސައްކަތް ފެށުމުގެ ފުރަތަމަ މަރުހަލާ މިހާރު މިވަނީ ކާމިޔާބުވެފަ އެވެ. އޭގެ ދަތުރު ނިމި ހަގީގީ މަސައްކަތް ފެށެންދެން އަދި ޖެހޭނީ އިންތިޒާރު ކޮށްލާށެވެ. އެކަމަށް އޮތީ އެންމެ ހަ މަސް ދުވަހެވެ.