މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ލަވަކިޔުންތެރިންނާ އެއްވަރަކަށް ވިދާލި ދެވަނަ މީހަކީ އައިމިނަތު މައުރީނާ (މައުރީން) ކަމާ މެދު ޝައްކެއް ވެސް ނެތެވެ. އައިޑޮލްގެ ސީޒަން ދެ އަކާއި ތިނަކުން މައުރީން ނުފެނުމުން އެކަމާ ޝަކުވާކުރި މީހުން ވެސް މަދެއް ނޫނެވެ.
އެހެން ނަމަވެސް އައިޑޮލް އަށް ފަހު ބެލުންތެރިން ހީކުރިގޮތާއި ހިލާފަށް ކެމެރާގެ ކުރިމަތިން މައުރީން މާ ގިނައިން ފެނިފައެއް ނުވެ އެވެ. އައިޑޮލް ނިންމާފައި ގޮސް އޭނަ ވަނީ ސީދާ ބަދިގެއަށޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެ އެވެ.
ރޯދަމަހު ވެސް ގިނަ މީހުންނަށް އިންތިޒާރު ކުރެވެނީ މައުރީންގެ އިންސްޓަގްރާމް ސްޓޯރީތަކަށެވެ. އޭގައި އެ ދުވަހަކު މައުރީން ރޯދަވީއްލުމަށް ތައްޔާރުކުރާ ކާ އެއްޗެއް، ތައްޔާރުކުރާ ގޮތަށް ދަންދެން ލިޔެފައިހުރެ އެވެ.
"ވަރަށް ގިނައިން ޓީއެލްސީ [ކައްކާ ޕްރޮގުރާމް ގެނެސްދޭ ޓީވީ ޗެނަލެއް] ބަލަން. ދެން އޭގެން ތަފާތު ވައްތަރުގެ އެއްޗެހި މީހުން ކައްކާތަން ފެނުނީމަ ވަރަށް ބޭނުންވޭ އެ އެއްޗެހި ކައްކާލަން،"
"ފޭސްބުކް ކަހަލަ ތަންތަނުގައި ވެސް މީހުން ތަފާތު އެއްޗެހި ކައްކާފައި ފޮޓޯތައް ޕޯސްޓް ކޮށްފައި ހުރޭ. އެހެން ފެންނަން ފެށީމަ މިކަމަށް ބޮޑަށް ކުރާ ހިތްވީ،" 2018 ވަނަ އަހަރު އޮންލައިން ނޫހެއް ކަމަށްވާ އަވަސް އަށް ދިން އިންޓަވިއުއެއްގައި މައުރީން ބުނެފައިވެ އެވެ.
ކެއްކުމަށް މި އުފެދުނު ޝައުގުވެރިކަމާއި އެކު އޭނާ މިވަނީ ދުބާއީގައި ހުންނަ އިންޓަނޭޝަނަލް ސެންޓާ ފޯ ކަލިނަރީ އާޓްސް އިން ކެއްކުމުގެ ކޯހެއް ފުރިހަމަ ކޮށް ޝެފެއްގެ "ތާޖު" ހާސިލްކޮށްފަ އެވެ. މިއަދު އޭނާއަކީ ސަޓިފައިޑް ޝެފެކެވެ.
ދުބާއީގައި ކުރިޔަށް ގެންދިޔަ ކުރުކޯހުގެ މަންޒަރުތައް ވެސް މައުރީންގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކޮށްފައި އެބަހުއްޓެވެ. ކަމުދާނެ ކަމަށް ހީކުރަމެވެ.
"ހުރިހާ"ގެ ޓީމުން މައުރީން އަށް ކާމިޔާބީއަށް އެދެމެވެ.