ބާލިން (01 ޖެނުއަރީ) - އާ އަހަރު ފާހަގަ ކުރުމަށް ޖަރުމަނު ވިލާތުގެ ވެރިރަށް ބާލިންގައި ބޭއްވި ހަރަކާތެއްގެ ތެރޭގައި ބަޑި ބޭސްތަކެއް ގޮވައި، އެކަކު މަރުވެއްޖެ އެވެ.
ސަރަހައްދީ އިދާރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުގައި ބުނެފައި ވަނީ އާ އަހަރު ފާހަގަ ކުރަން އަމިއްލަ ފަރާތްތަކުން ބޭއްވި ކުޅިވަރުތަކުގެ ތެރެއިން ބަޑި ބޭސްތަކެއް ގޮވައި 37 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. ހަމަ އެ ހާދިސާގައި އުމުރުން 39 އަހަރުގެ އިތުރު ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
އޭގެ އިތުރުން ވެސް ބާލިންގައި އާ އަހަރު ފާހަގަ ކުރަން ބޭއްވި ޕްރައިވެޓް ޕާޓީއެއްގައި ބަޑިބޭސް ގޮވުމުގެ ސަބަބުން 12 މީހަކަށް އަނިޔާވެ އޭގެ ތެރެއިން 11 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށް ޑީޕީއޭ ޕްރެސް އެޖެންސީން ބުނެ އެވެ. މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން އެންމެ ހަގު ކުއްޖާގެ އުމުރަކީ 11 އަހަރު ކަމަށް ފަޔާ ޑިޕާޓްމަންޓްގެ ތަރުޖަމާނަކު ބުންޏެވެ.
މި ނޫނަސް ޖަރުމަނުގެ އެކި ސަރަހައްދުތަކުގައި އާ އަހަރާ ދިމާކޮށް ބަޑިބޭސް ގޮވުމުގެ ހާދިސާތައް ރެކޯޑު ކުރެވިފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.
ކޮވިޑް 19 ޕެންޑަމިކްގެ ސަބަބުން އާއްމު ފަރާތްތަކުން ހަވާ އެރުވުމަށް ބަޑިބޭސް ބޭނުން ކުރުން މި އަހަރު ޖަރުމަނުގައި މަނާ ކުރެވިފައިވީ ނަމަވެސް ބައެއް މީހުން ވަނީ އަމިއްލައަށް ހަދައިގެންނާއި ގަވާއިދާ ޚިލާފަށް ގަނެގެން ހަވާ އަރުވަން މަސައްކަތް ކޮށްފަ އެވެ.
ޖަރުމަނުގެ އިތުރުން އޮސްޓްރިއާގައި ވެސް އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން 23 އަހަރުގެ ޒުވާނަކު މަރުވެ އިތުރު ތިން މީހަކަށް އަނިޔާ ވެގެން ވަނީ ރިޕޯޓު ކޮށްފަ އެވެ. -- އަލް އަރަބިއްޔާ