ދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ގދ. ތިނަދޫ، އަލިވާގެ، މުހައްމަދު ރުސްތުމް މުޖުތަބާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

ރުސްތުމްގެ މައްޗަށް، އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ ޝަރީއަތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 9 ގައެވެ.

ނަމަވެސް އޭނާގެ އަޑުއެހުން މިއަދު ނުބޭއްވުމަށް ނިންމައި ކެންސަލްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

ދީނަށް ފުރައްސާރަކުރުމާއި، ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ އިތުރުން ވެސް އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ.

ރުސްތުމް ވަނީ ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި، އިސްލާމް ދީނަށް ފާޑުކިޔާފަ އެވެ.

ފަހަކަށް އައިސް އިސްލާމް ދީނަށް ފުރައްސާރަކޮށް، ހާމަކަން ބޮޑުގޮތެއްގައި އެކަންކުރާއިރު، ރާއްޖޭގައި އެހެނިހެން ދީންތައް ފެތުރުމަށް ވެސް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އެކަން ހުއްޓުވަން ކޯޓުން އަމުރު ނެރުނު ނަމަވެސް މިހާތަނަށް އެކަން ހުއްޓުވިފައެއް ނުވެ އެވެ.