ޑޮލަރު ކަޅު ބާޒާރުގައި ވިއްކާ މައްސަލައިގައި އަނެއްކާވެސް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 28 އަހަރުގެ އެމްޑީ މަނިކް މިއާ ނަމަކަށް ކިޔާ ބަންގްލާދޭޝްގެ ރައްޔިތެކެވެ. އަދި މައްސަލައިގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުންވަނީ އޭނާގެ ބަންދަށް 10 ދުވަސް ދީފަ އެވެ.

މަނިކް މިއާ ގެ ޝަރީއަތުގައި އޭނާ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް އިންކާރުކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ހައްޔަރުކުރީވެސް ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކޮށް، ފައިސާ ޖަމާކުރަން ހުރި ވަގުތުކަމުގައި ފުލުހުން ބުނެ އެވެ. އޭގެ އިތުރުން، އޭނާ އަކީ، 2020 ވަނަ އަހަރު ވަޒީފާ އަދާކުރުމަށް ރާއްޖެ އައުމަށްފަހު، އޭނާ ގެނައި ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއްކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

މިފަދަ މައްސަލައެއްގައި ދާދި ފަހުންވެސް ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާއިރު، ހައްޔަރުކުރި ހަތަރު ބިދޭސީއެއް ވަނީ ރާއްޖެ ނާދެވޭގޮތަށް ޑީޕޮޓްކޮށްފަ އެވެ.

ރާއްޖޭގައި ކަޅު ބަޒާރުގެ ޒަރިއްޔާއިން ވިޔަފާރިކޮށް މަންފާ ނެގުން ވަނީ އާންމު ކަމަކަށްވެފަ އެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގައި ރާއްޖެއަށް ވެސް އިގްތިސާދީ ހީނަރުކަމެއް ކުރިމަތިވެފައިވާއިރު، މިކަމަށް ހައްލެއް ލިބުމުގައި ޑޮލަރު ހިފެހެއްޓޭނެ ގޮތެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް އިގްތިސާދީ މާހިރުން ލަފާދެ އެވެ.