މެއިލް އިން ލާފައިހުރި ވޯތުތައް ގުނާ ވަރަކަށް ޖާދުލެއް ހެން މިހާރު ލިބިފައި ހުރި ސްޓޭޓްތައް ވެސް މުށުން ދޫވަމުންދާ ކަމަށް ބުނެ ޓްރަމްޕް ޓުވީޓު ކުރައްވައިފި އެވެ.

"ރޭއްސުރެ ގިނަ ސްޓޭޓްތަކުގެ ކުރީގައި އޮތީ އަހަރެން. އެކަމަކު ގޮތް ނޭނގޭ ވޯޓުތަކެއް ގުނާ ވަރަކަށް ޖާދުލެއް ހެން އަހަންނަށް ލިބިފައިހުރި ހުރިހާ ވޯޓެެއް އެބަ ގެއްލޭ،" ޓްރަމްޕް ކުރެއްވި ޓުވީޓުގައި ވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނާ ނުނިމެނީސް ޓްރަމްޕް ވަނީ މީގެ ކުރިން އަމިއްލަފުޅަށް ޖޯ ބައިޑެންގެ މައްޗަށް ކުރި ހޯދިއްޖެ ކަމަށް އިއުލާނު ވެސް ކުރައްވާފަ އެވެ.

މީގެ އިތުރުން އިންތިހާބުގައި މަކަރު ހަދާ އޮޅުވާލާކަމަށް ވިދާޅުވެ، އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅުއްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެންމެފަހުގެ ނަތީޖާތައް ދައްކާގޮތުން މިހާތަނަށް ބައިޑަންވަނީ 238 އިލެކްޓޯރަލް ވޯޓު ޔަގީންކުރައްވާފަ އެވެ. ރައީސް ޓްރަމްޕަށް ޔަޤީންވެފައިވަނީ 213 ވޯޓެވެ. އިންތިޚާބުގައި މޮޅުވާން އިލެކްޓޯރަލް ކޮލެޖު ވޯޓުގެ 270 ވޯޓު ބޭނުންވެ އެވެ.