ޑިމޮކްރަސީއެއްގައި އާންމު ރައްޔިތުންނަށް ލިބިގެންވާ އެންމެ ބޮޑު އެއް ބާރަކީ ވޯޓު ދިނުމުގެ ބާރެވެ. އުމުރުން ވަކި ވަރެއް ވުމުން ކޮންމެ މީހަކަށް ވެސް ވޯޓު ދިނުމުގެ ހައްގު ލިބެ އެވެ. ގައުމު ހިންގުމުގެ އިސް ދައުރު އަދާކުރާ އެކި މީހުން އެކި މަގާމުތަކަށް ހޮވުމަށް ނަގާ ވޯޓުތަކަށް ވޯޓުލާން ޖެހެނީ ރައްޔިތުންނަށެވެ.

ރައްޔިތުންގެ ތެރެއިން އެކި މީހުނަށް ވޯޓު ލެވެނީ އެކި ދާއިރާތަކަށެވެ. ސުވާލަކީ ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ލިބެނީ އެކަމަށް އެންމެ އެކަށީގެންވާ ދާއިރާއަށް ހެއްޔެވެ؟

އިބްރާހިމް ނިމާލް (އަސްލު ނަމެއް ނޫން) ވިހެއީ މާލެއަށެވެ. މާލެއަށް އުފަންވި ކަމުގައި ވިޔަސް މާލޭގައި ރަޖިސްޓްރީ ވެވޭކަށް ނިމާލަކަށް ނެތެވެ.

ނިމާލްގެ މަންމަ އާއި ބައްޕަގެ އުފަން ރަށަކީ އެހެން ރަށެއްކަމުން ނިމާލްގެ ވެސް ރަޖިސްޓްރީ އޮންނަނީ މަންމަ އާއި ބައްޕަގެ ރަށުގަ އެވެ. މިއަދު ނިމާލަކީ 30 އަހަރުގެ ޒުވާން ފިރިހެނެކެވެ. އަންބަކާއި ކުޑަ ދެކުދިންނާއެކު ނިމާލު ދިރިއުޅެމުން ގެންދަނީ ހުޅުމާލެއިން ކުއްޔަށް ހިފާފައި ހުރި ފްލެޓެއްގަ އެވެ.

މާލެއާއި ހުޅުމާލޭގައި ދިރިއުޅުނެއް ކަމަކު ކޮންމެ ފަހަރަކު ރައްޔިތުންގެ މަޖިލީހާއި ކައުންސިލް އިންތިޚާބުގައި ނިމާލަށް ވޯޓުލާން ޖެހެނީ ނިމާލުގެ މައިންބަފައިންގެ އުފަން ރަށް ހިމެނޭ ދާއިރާ އަށެވެ.

އެ ދާއިރާއަށް ވޯޓު ލާން ޖެހުނު ކަމަށް ވިޔަސް ފާއިތު ވެދިޔަ 30 އަހަރުގެ ތެރޭގައި ނިމާލު ރަށަށް ދިޔައީ އެންމެ ފަހަރަކު އެވެ. އެ ދަތުރުގެ ހަނދާން ނިމާލު ހުންނަނީ ކިރިޔަ ކިރިޔާ އެވެ.

ރަށް އޮންނަ ގޮތަކާ ރަށުގެ މީހުންގެ އުޅުން ހުންނަ ގޮތަކާއި ދިމާވާ ދަތިތަކަކާއި އުފުލަން ޖެހޭ އުނދަގުލަކީ ނިމާލަށް އެނގޭ ކަންކަމެއް ނޫނެވެ. ނިމާލުގެ މައިންބަފައިންނަކީ އެ މީހުންގެ ޒުވާން އުމުރުގައި ކިޔަވަން މާލެ އައި މީހުންނެވެ.

ބުރަ މަސައްކަތުން މާލޭގައި ތަނަވަސް ދިރިއުޅުމަކާ އެކަށީގެންވާ ރަނގަޅު ވިޔަފާރިއެއް އެ މީހުން ވަނީ ބިނާ ކޮށްފަ އެވެ. އެ ދިރިއުޅުމުގައި މާލޭގެ މުޖުތަމައަށް އެ މީހުން ވަނީ ރަނގަޅަށް ފެތިފަ އެވެ.

ރައްޔިތުންގެ މަޖީހުގެ ވޯޓާއި ކައުންސިލްގެ ވޯޓު ނަގާ ކޮންމެ ފަހަރަކު އެ ގޮނޑިތަކަށް ކުރިމަތިލާ މީހުން ނިމާލުގެ ގާތަށް ވެސް އާދެ އެވެ.

އެ މީހުން އަޅައިދޭން ބުނާ ޓާފް ދަނޑުގައި ކުޅޭނީ ކޮން ބައެއްކަމާއި، އެ މީހުން ކަނޑައިދޭން ބުނާ ނެރަކީ ކޮން ދިމާލެއްގައި އޮންނަ ނެރެއްކަން ވެސް ނިމާލަކަށް ނޭނގެ އެވެ. އޭގެ ބަދަލުގައި ނިމާލު ނުދަންނަ މަގެއް މާލެއާއި ހުޅުމާލޭގައި ނެތެވެ.

އެ މަގުތަކުގައ ފެން ބޮޑު ވެއްޖެނަމަ ނިމާލުގެ ސައިކަލު ވެސް އޮންނަނީ ފެނު އަޑީގަ އެވެ. ޑިމޮކްރސީގައި ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރުކަމުގައިވާ ވޯޓުގެ ޒަރީއާއިން ނިމާލަށް ބަސް ބުންނަ ޖެހިފައި ވަނީ އޭނާ އަށް އެއްގޮތަކަށް ވެސް މައުލުމާތު ނެތް ދުރު ހިލޭ ދާއިރާއަކަށެވެ.

ނިމާލުގެ ދިރިއުޅުމާ ލާމެހިފައިވާ ދާއިރާގެ ކަންތަކަށް ބަސް ބުނުމުގެ ހައްގެއް ނިމާލަކަށް ލިބިފައެއް ނެތެވެ.

ނިމާލުގެ ފަދަ ކިތައް ދިވެހިން އެބަ އުޅޭ ހެއްޔެވެ؟ އެ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބެނީ ހަމަ އެންމެ ރަނގަޅަށް ހެއްޔެވެ؟ މިއީ ކަމާ ބެހޭ އިދާރާތަކުން ވިސްނާލަން ވެއްޖެ މުހިންމު ކަމެކެވެ.