އިޒްރޭލް ހިމެނޭގޮތަށް ހުރިހާ ގައުމަކަށް ސައުދީ އަރަބިއާގެ ވައިގެ ސަރަހައްދު ހުރަސްކޮށް ޔޫއޭއީއަށް ދިއުމުގެ ހުއްދަ ދިނުމަށް ނިންމައިފި އެވެ.
ސައުދީ އަރަބިއާގެ ޕްރެސް އެޖެންސީއިން ބުދަ ދުވަހު މިކަން އިއުލާނުކޮށްފައިވަނީ އެގައުމުގެ ވައިގެ ސަރަހައްދު ހުރަސްކޮށް އިޒްރޭލުން ފުރަތަމަ ފަހަރަށް ޑައިރެކްޓް ކޮމާޝަލް ފްލައިޓެއް ބޭއްވުމުގެ ހުއްދަ ދިނުމަށްފަހު އެވެ. މި ފްލައިޓަކީ ޔޫއޭއީ އާއި އިޒްރޭލްގެ ދެމެދު ގުޅުންތައް ރަނގަޅުކުރުމަށް އެމެރިކާއާއި ގުޅިގެން މީގެ ކުޑަދުވަސްކޮޅެއް ކުރިން ހެދިފައިވާ ޑީލްގެ ދަށުން ކުރި ކަމެކެވެ.
އިޒްރޭލް ރައީސް ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި ހޯމަ ދުވަހު ސައުދީގެ ވައިގެ ސަރަހައްދު ހުރަސްކޮށް އިޒްރޭލުން ޔޫއޭއީއަށް ބޭއްވި އެންމެ ފުރަތަމަ ޑައިރެކްޓް ފްލައިޓަކީ ހަމަ ޔަގީނުން ވެސް އެންމެ ފަހު ފްލައިޓަށް ނުވާނެ ކަމަށެވެ.
"އިޒްރޭލްގެ ފްލައިޓްތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފްލައިޓްތައް ވެސް ދެން ޑައިރެކްޓްކޮށް އިޒްރޭލުން އަބޫދާބީ އާއި ދުބާއީގެ ދެމެދުގައި ދަތުރުކުރެވޭނެ،" ނަތަންޔާހޫ ވިދާޅުވި އެވެ.
މި ކަން އިއުލާނުކޮށްފައި މިވަނީ ހޯމަ ދުވަހު އެމެރިކާ އާއި އިޒްރޭލްގެ ވަފުދެއް އަބޫދާބީއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. އިޒްރޭލްގެ ޓެލްއަވިވް އިން ޔޫއޭއީގެ އަބޫދާބީއަށް ބޭއްވި ޑައިރެކްޓް ފްލައިޓަކީ އެ ދެގައުމުގެ ގުޅުން އާންމު ހާލަތަށް ގެނެވުން ފާހަގަކުރުމަށް ބޭއްވި ފްލައިޓެކެވެ.
އެހެން ނަމަވެސް ސައުދީ އަރަބިއާއިން ބުނެފައިވާ ގޮތުގައި އިޒްރޭލުން ފަލަސްތީނު މައްސަލާގައި ބައިނަލްއަގްވާމީ މިންގަނޑުތަކުން ގަބޫލުކުރާ ސުލްހައިގެ އެގްރިމެންޓެއްގައި ސޮއި ނުކުރާހާ ހިނދަކު އެގައުމާއެކީ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ނުކުރާނެ ކަމަށެވެ.
-އަލް އަރަބިއާ