ހާލުދެރަވެ އައިސީޔޫގައި ފަރުވާދެމުން ގެންދާ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރްގެ ބަލި ހާލަތު އިތުރަށް ގޯސްވަމުންދާ ވާހަކަތަކެއް ފެތުރިއްޖެ އެވެ.
މުމްބާއީ ބްރީޗް ކެންޑީ ހޮސްޕިޓަލްގެ އައިސީޔޫގައި ލަތާ އެޑްމިޓްކުރީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހާލު ދެރަވުމާ ގުޅިގެންނެވެ.
ލަތާގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ހަބަރު ފެތުރިފަ އެވެ.
މި ހަބަރުތައް ދޮގުކުރަމުން ލަތާގެ ތަރުޖަމާނު ބުނީ އެއީ މުޅިން ދޮގު ހަބަރުތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ބަޔަކު ފަތުރަމުން ގެންދަނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭގެ އިތުރުން ލަތާގެ ޑޮކްޓަރު، ޕްރަތީތް ސަމްދާނީ ވެސް ވަނީ ލަތާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް ބުނެ ޓްވީޓް ކޮށްފަ އެވެ.
އެކަމަކު އަދިވެސް އޭނާއަށް އައިސީޔޫގައި ފަރުވާދެމުން ގެންދާ ކަމަށް ލަތާގެ ޑޮކްޓަރު ވަނީ ބުނެފަ އެވެ. އަދި އައިސީޔޫގައި ލަތާ އޮބްޒަވޭޝަންއަށް ބާއްވަން ޖެހޭ ކަމަށް ވެސް ޑޮކްޓަރު ބުނެފައިވެ އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި ލަތާ ދަނީ ނިއުމޯނިޔާއަށް ވެސް ފަރުވާ ހޯދަމުންނެވެ. ނަމަވެސް މިވަގުތު އޭނާއަށް ފަރުވާދެމުން ގެންދަނީ އޮކްސިޖަން ގުޅައިގެން ނޫން ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.
ލަތާއަކީ މުޅި އިންޑިޔާގައި ވެސް ފާހަގަކޮށްލެވޭ ފެންވަރުގެ މޮޅު ލަވަކިޔުންތެރިއެކެވެ.
އޭނާ ވަނީ ބޮލީވުޑްގައި ލަވަކިޔުމުގެ އިތުރުން މިއުޒިކް ޑައިރެކްޓްކޮށްދީ، ޕްލޭބެކް ސިންގިންގައި ބޮޑު ރޯލެއް އަދާކޮށްފީފަ އެވެ.