ކެމްޕެއިންގެ ވައުދުތަކަކީ ކޮންމެ ފަހަރަކު ވެސް އިލެކްޝަނާ ދިމާކޮށް ވަރަށް ފޯރި ގަދަކޮށް ކުރެވޭ ކަމެކެވެ. އެއާޕޯޓު ހެދުމާއި ފުޓްސަލަ ދަނޑު ހަދައި ދިނުން ފަދަ ކަންކަމަކީ އާންމުކޮށް ސަރުކާރުން ރަށްފުށުގެ އިލެކްޝަންތައް ކާމިޔާބު ކުރަންވާ ވައުދުތަކެކެވެ. މި ދުވަސްވަރަކީ މިފަދަ ވައުދުތަކެއްގެ އަޑު ގުގުމައިފައިވާ ދުވަސް ކޮޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުންނާއި އެހެން ޕާޓީތަކުން ވެސް ދަނީ ގިނަ ވައުދުތަކެއް އެ ދާއިރާއަށް ވަމުންނެވެ.

މީގެ ތެރެއިން އެންމެ ތަފުސީލުކޮށް ކެމްޕެއިން ވައުދުގެ ނަމުގައި ކަންތައްތަކެއް ހުށަހެޅީ އަލަށް އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ންނެވެ. އެ ޕާޓީގެ ކެންޑިޑޭޓު އަބްދުލް ހަންނާނުގެ ކެމްޕެއިން ވައުދުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ގިނަ ވައުދުތަކެއް ހުރިކަމުގައި ވިޔަސް ވަކިން ޚާއްސަ ކޮށް އަޅައިގަންނަ ދެ ވައުދެއް އެބައޮތެވެ. އެއީ ކޮންމެ އަހަރަކު ވެސް އެ ދާއިރާއިން މީހަކު ހައްޖަށް ފޮނުވައި ދިނުމާއި ފަންޑެއް ހުޅުވައިގެން ދާއިރާގެ މީހުންނަށް ލޯނު ދޫކުރުމެވެ. މި ދެ ވައުދަށް ބަލައިލާއިރު އުފެދޭ ސުވަލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި ހައްޖަށް މީހުން ފޮނުވުމާ ލޯނު ދިނުމާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަނީ މަޖިލީހުގައި އެ މީހެއްގެ ދާއިރާ ތަމްސީލުކުރާށެވެ. އޭނާގެ ވާޖިބަކަށް ވާނީ އެ ދާއިރާގެ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް މަޖިލީހުގައި ވަކާލާތުކުރުމެވެ. ރައްޔިތުންގެ އިހުސާސްތައް ކަމާ ބެހޭ ދާއިރާތަކަށް އުފުލުން ފަދަ ކިތަންމެ ކަމެއް ނުރަސްމީ ހައިސިއްޔަތުން މެންބަރުންނަށް ކުރަން ޖެހެ އެވެ. ނަމަވެސް ދާއިރާގެ އާންމުން ހައްޖަށް ފޮނުވުމާއި ގެދޮރު އެޅުމަށް ލޯނު ދޫކުރުން ފަދަ ކަންތަކަކީ މެންބަރުންގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކެއް ނޫނެވެ.

މެންބަރުން ކުރަން ނުޖެހުނު ކަމުގައި ވިޔަސް ދާއިރާގެ ނިކަމެތިންނަށް އެހީ ފޯރު ކޮށްދިނުން ފަދަ އިޖުތިމާއީ އެކިއެކި ކަންކަމުގައި ފައިސާގެ އެހީ ފޯރުކޮށް ދިނުން ފަދަ ކަންތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަބަދުވެސް ކުރާ ކަންތަކެވެ. ބޭނުމަކީ ދާއިރާގެ ވީހާ ގިނަ ބައެއްގެ ތާއީދު ހޯދައި އިލެކްޝަން ކާމިޔާބުކުރުމެވެ. ތަންކޮޅެއް ކުރީގެ މާޒީއަކަށް ޖެހިލާއިރު ފޮތް ލިސްޓަށް ފޮތް ގަނެ ދިނުމާއި ބޭސް ސިޓީތަކަށް ބޭސް ގަނެދިނުމަކީ މަޖިލީހުގެ މެންބަރުން ކުރަން ޖެހޭ ކަންކަމެވެ. މިކަންކަމުގެ އިތުރުން ބައެއް މެންބަރުން ކެމްޕެއިނާ ދިމާކޮށް ވޯޓު ހޯދުމަށް ނަގުދު ފައިސާ ވެސް ބަހައިހަދަ އެވެ. އެހެނަސް އެކަން އޮންނަނީ ވަރަށް ސިއްރުންކުރާ ކަމެއްގެ ގޮތުގަ އެވެ.

ސިއްރުން ބަހަމުން އައި ފައިސާ އާއި ފޯރުވަމުން އައި ނުފޫޒު އެންމެ ފަހުން މިވަނީ ކަރުދާހުގައި ލިޔެ ވައުދުގެ ނަމުގައި ޕޯޑިއަމްތަކުގައި އިއުލާންކުރާ ހިސާބަށް ގޮސްފަ އެވެ. ވޯޓު ކާމިޔާބުކުރެވިއްޖެ ނަމަ ރަށު ރައްޔިތުން ހައްޖަށް ފޮނުވާނެ ވާހަކަ ބުނުމާ ބޭނުންވާ ބަޔަކަށް ލޯނު ދޭނަމޭ ބުނުމާ ވޯޓު ދީފައި ފޮޓޯ ނަގައިގެން އައިސް ދެއްކުމުން ފަސް ހާސް ރުފިޔާ ދޭނަމޭ ބުނުމާ މާބޮޑު ތަފާތެއް ނެތެވެ.

މިހާރު ފޯރިޔާއެކު ހިންގަމުންދާ ކޮމަންޑޫ ދާއިރާގެ ކެމްޕެއިނުން މުޅިން ވެސް ފެންނަނީ ނުފޫޒާއި ބާރުން ވޯޓު ގަންނަން ކުރާ ކެމްޕެއިނެވެ. އެއްބަޔަކު ވެރިކަމުގެ ބާރާއި ނުފޫޒެވެ. އަނެއް ބަޔަކު ފައިސާގެ ދަޅައިގެ ނުފޫޒެވެ. މިއިން އެއްވެސް ކަމެއް ބަލައި ތަހުގީގުކުރާނެ އިދާރާއެއް ނެތި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގައި ކޮރަޕްޝަނާ މަކަރާ ހީލަތް ރަސްމީ ވެ ކަރުދާހުގައި ލިޔެ ނިމިއްޖެ އެވެ