އަހަރެމެންގެ ގެލެކްސީ ތެރެއިން ގޮތް ނޭނގޭ، އަދި ބާރުގަދަ ރޭޑިއޯ ސިގްނަލްތަކެއް ޑިޓެކްޓް ކުރެވިއްޖެ ކަމަށް އެސްޓްރޮނޮމާސް ބުނެފި އެވެ.

"ފާސްޓް ރޭޑިއޯ ބަސްޓްސް" ނުވަތަ އެފްއާރްބީސްގެ އަސަރު ހުންނާނީ ފަޅި ސިކުންތަކަށް ނަމަވެސް އޭގެ ބާރު، އިރަށް ވުރެ 100 މިލިއަން ގުނަ ވަރުގަދަ އެވެ. މިވަރުގެ އިންޓެންސިޓީއަކާ އެކުވެސް މިއީ ކޮންތާކުން އަންނަ ސިގްނަލްތައް ކަމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

މިހާރު އެސްޓްރޮނޮމާސް އަށް މިވަނީ ފުރަތަމަ ފަހަރަށް އަހަރެމެންގެ މަޑިކިލަނބު (މިލްކީ ވޭ)ގެ ތެރެއިން އަވަސް އެފްއާރްބީ އެއް ފާހަގަކުރެވިފަ އެވެ. އަދި މީގެ ކުރިން ޑިޓޭކްޓް ކުރެވިފައިވާ އެފްއާރްބީ އަށް ވުރެ ކައިރިން މިފަހަރު ޑިޓެކްޓް ކުރެވުމުން މީގެ އަސްލު ދެނެގަނެވިދާނެ ކަމަށް މިވަނީ ބެލެވިފަ އެވެ.

މިކަހަލަ ގޮވުންތަކުގެ އަސަރު ހުންނަނީ މަދު ވަގުތުކޮޅަކަށް ވުމުންނާއި އެހާ ދުރުން އަންނާތީ މީގެ އަސްލު ދެނެގަންނަނަން ސައިންސްވެރިންނަށް އުނދަގޫ ވެ އެވެ. މި ސިގްނަލްއަކާ ގުޅިގެން އެނގޭހާ ވެސް ކަމަކީ ޔުނިވާސްގެ ތެރޭގައި މި އުފެދިގެންދާނީ އެންމެ "އެކްސްޓްރީމް" ހާލަތްތަކުގައި ކަމެވެ. ބައެއް ސައިންސްވެރިން ބުނާ ގޮތުން މިއީ ތަރިތައް މަރުވުމާއި އޭލިއަން ޓެކްނޮލޮޖީއާއި ގުޅުން ހުރި ކަމެކެވެ.

ރޭޑިއޯ އެނާޖީގެ މި ގޮވުންތައް އުފެދިފައިވަނީ މެގްނެޓާ ނުވަތަ ވަރަށް ވަރުގަދަ މެގްނެޓިކް ފީލްޑެއް ހިމެނޭ ތަރިއަކުން ކަމަށް މި ސިގްނަލްތައް ހޯދި ސައިންސްވެރިން ވަނީ ބުނެފަ އެވެ.

އެފްއާރްބީ އެންމެ ފުރަތަމަ ދެނެގަނެވިފައިވަނީ 2007 ވަނަ އަހަރުގެ ތެރޭގަ އެވެ. އެހިސާބުން ފެށިގެން މިފަދަ ބޮޑު ހަކަތައެއް އުފެދުމުގެ އަސްލު ހޯދުމަށް ކުރި މަސައްކަތުން އެންމެ ވުން އެކަށީގެންވާ ގޮތްކަމަށް ބުނެވިފައިވަނީ މެގްނެޓާ އެވެ. ސަބަބަކީ އޭގައި ހުންނަ މެގްނެޓިކް ފިލްޑުތަކުން އިންޖީނެއް ފަދައިން މަސައްކަތްކޮށް އެވަރަށް ހަކަތަ އުފެދިދާނެ ކަމަށް ބެލެވޭތީ އެވެ.