ޖައްވުގައި ބިނާކުރާ ފުރަތަމަ މޫވީ ސްޓޫޑިއޯއެއް ހެދުމުގެ މަސައްކަތް 2024ގައި ފަށާނެ ކަމަށް އެ މަސައްކަތްކުރާ ކުންފުނިން ބުނެފި އެވެ.
މި މަސައްކަތް ކުރަނީ ޓޮމް ކުރޫޒް ސްޕޭސްގައި ޝޫޓްކުރުމަށް ރާވައިފައިވާ ފިލްމްގެ މަސައްކަތާ ހަވާލުވެފައިވާ އިނގިރޭސިވިލާތުގެ ކުންފުނި ސްޕޭސް އެންޓަޓެއިންމެންޓް އެންޓަޕްރައިސް (އެސްއީއީ) އިންނެވެ.
އެސްއީއީން ނެރުނު ބަޔާނެއްގައި ވާގޮތުން އެ ކުންފުނިން ޖައްވުގައި ގާއިމުކުރާ ސްޓޫޑިއޯ އާއެކު އެންޓަޓެއިންމެންޓް ސެންޓަރެއް ވެސް ގާއިމްކުރެވޭނެ އެވެ.
އެ ކުންފުނިން އުންމީދު ކުރާގޮތުގައި މިތަން ވެގެންދާނީ އިންސާނުން މުނިފޫހިފިލުވުމުގެ ހަރަކާއްތައް ދުނިޔޭގެ ސަތަހައިން ބޭރަށް، ޖައްވަށް ގެންދިއުމުގެ ފެށުންކަމުގަ އެވެ. އެގޮތުން ސޯޝަލް މީޑިޔާގެ އިންފުލުއެންސަރުންނަށް ވެސް އެ މީހުންގެ ކޮންޓެންޓްތައް ދުނިޔެއާ 250 މޭލުގެ މަތިން ނެގުމުގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ.
އެސްއީއީ1ގެ ނަމުގައި ހަދާ މި މަރުކަޒު ވެގެން ދާނީ ޖައްވުގައި މިހާރު ގާއިމު ކުރެވިފައިވާ ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ވިޔަފާރި ގޮފި އެކްސިއަމް ސްޓޭޝަންގެ ބައެއް ގޮތުގަ އެވެ. މި މަރުކަޒުގެ ކޮންސްޓްރަކްޝަން މަސައްކަތް ވެސް ހަވާލުވެފައި ވަނީ އެކްސިއަމް އާ އެވެ.
އެކުންފުނިން ލަފާކުރާ ގޮތުގައި ހުރިހާ ކަމެއް ނިމި މަރުކަޒު ޖައްވުގައި ފްލޯޓު ކުރަން ފަށާނީ 2028 ވަނަ އަހަރު އެވެ.
އެސްއެސްއީއިން ނެރުނު ބަޔާނުގައި ވާގޮތުން އެކްސިއަމް އާ ގުޅިގެން އެ ކުންފުނިން ބިނާކުރާ މި މުނިފޫހި ފިލުވުމުގެ މަރުކަޒާއި ސްޓޫޑިއޯގެ ސަބަބުން މިވަގުތު ދުނިޔޭގައި ހިނގަމުންދާ ދެ ޓްރިލިއަން ޑޮލަރުގެ މުނިފޫހި ފިލުވުމުގެ އިންޑަސްޓްރީ އެހެން ހަރުފަތަކަށް ގެންދިއުމަށް މަގު ހުޅުވިގެން ދާނެ އެވެ.
އެ މަރުކަޒުގައި ގާއިމުކުރެވޭ އާދަޔާ ޚިލާފު މޮޅު ފަހުގެ ޓެކްނޮލޮޖީގެ ސާމާނުތައް ބޭނުންކޮށްގެން މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ވެސް އެސްއީއީ އިން ދެކެ އެވެ.
އެސްއީއީ އަކީ ޓޮމް ކްރޫޒް މިއަހަރު ފަހުކޮޅު ޖައަވުގައި ކުޅެން ހަމަ ޖެހިފައިވާ މޫވީގެ މަސައްކަތާ ވެސް ހަވާލުވެފައި ވާ ކުންފުންޏެވެ. ޓޮމް ކުރޫޒަށް މިހާރު ވަނީ މިކަމަށްޓަކައި ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސްޕޭސް ސްޓޭޝަނަށް ދިއުމުގެ ހުރިހާ ހުއްދައެއް ލިބިފަ އެވެ. މިދަތުރާއެކު ކުރޫޒު ވެގެންދާނީ މިފަދަ ދަތުރެއް ކުރާ ފުރަތަމަ ފިލްމް ސްޓާރަށެވެ.
މި އަހަރު ފަހު ކޮޅު ޝޫޓުކުރަން ފަށަން ހަމަޖެހިފަވާ ކްރޫޒުގެ ފިލްމުގައި ކުރޫޒު ކުޅޭނީ ސާޖަނެއްގެ ރޯލެވެ.
ފިލްމު ބިނާވެފައި ވަނީ ސްޕޭސްގައި ހިނގާ ބަޑީގެ ހާދިސާއަކާ ގުޅިގެން ކޮސްމޮނޯޓަކަށް ކުރަން ޖެހޭ އޮޕަރޭޝަނެއްގެ މައްޗަށެވެ.
މި ފިލްމު ކުޅުމަށްޓަކައި ރަޝިޔާގެ ޓީމަކާއެކު ކުރޫޒް ޖައްވުގައި 12 ދުވަސް ހޭދަކުރާނެ އެވެ. ހަމަ ޖެހިފައިވާގޮތަށް ކުރިޔަށް ދާނަމަ މިއަހަރު ނިމުމުގެ ކުރިން ފިމްމު ރިލީޒް ކުރެވޭނެ އެވެ. -- ސްކައި ނިވްސް